ކާބަފައިންގެ ހިތްވަރުން އިބުރަތް ލިބިގަނެ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމި ތިބުމަށް އެދެން: ރައީސް މައުމޫން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް
ވޭތުވެދިޔަ 900 އަހަރު ކާބަފައިން ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށާއި، އެކަމުން އިބުރާތް ލިބިގަނެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ދެމު ތިބުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހު ފާހަގަ ކުރަމުން އަންނަ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އެވެ.
އެ މެސެޖުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، މާޒީގައި ދިވެހިރާއްޖެ އަށް ތަފާތު ކަންތައްތަކެއް ދިމާވި ނަމަވެސް ކާބަފައިން އިސްލާމްދީން ދޫކޮށްނުލާ ކަމަށާއި، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިޔަ ނުދެއްވާ ކަމަށެވެ. ސާބިތުކަމާއެކު އިސްލާމްދީނުގައި ހިފަހައްޓައިގެން ތިއްބެވިކަން ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ރައްޔިތުން އެފަދަ ސާބިތުކަމަކާއެކު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދެމި ތިއްބެވުން ކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށެވެ. ދިވެހި ޤައުމު އޮތީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައި ކަމަށާއި، އެއީ ދިވެހި ޤައުމިއްޔަތުގެ ވެސް ބިންގާ ކަމަށް ރައީސް މައުމޫން ފާހަގަ ކުރެއްވި އެވެ. އެކަން ދޫކޮށްލައިގެން ދިވެހިންނަށް ފަރުޖެއްސެން ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން އިސްލާމްދީނުގެ ތެދު މަގުގައި ފައިތިލަ ސާބިތުކޮށްދެން ތިބުމަށް އެދޭ ކަމަށާއި، އެކަމަށް ދުއާ ކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް