ޚަބަރު

މިހާރު ތިބީ 322 ހާފިޡުން، އަމާޒަކީ ދެ އަހަރުތެރޭ އެ އަދަދު 500 އަށް އިތުރުކުރުން: ޝަހީމް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިހާރު ތިބީ 322 ހާފިޡުން، އަމާޒަކީ ދެ އަހަރުތެރޭ އެ އަދަދު 500 އަށް އިތުރުކުރުން: ޝަހީމް

އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިހާރު ރާއްޖޭގައި 322 ހާފިޡުން އެބަތިބިކަމަށާާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައު އެ އަދަދު 500 އަށް އިތުރުކުރުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައި މިއަދު ކީރިތި ގުރުއާނުގެ އިލްމު ފެތުރުއްވުން އައު ހަރުފަތަކަށް ޖައްސާލެވިއްޖެކަމަށެ.

އެގޮތުން ހާފިޡުންނަށް ދޭ އެލަވަންސް ބޮޑުކުރެވިއްޖެކަމަށާއި، އެކަން އެގޮތަށް ކުރީ ގުރުއާން ހިތުދަސްކުރާ ޒުވާނުން އިތުރުކުރުމަށްޓަކައިކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެގޮތުން ކުރެވުނު ބުރަ މަސައްކަތުން ދިވެހި ތާރީހުގައި އެންމެ ގިނަ ހާފިޡުން އުފެދިފައިވަނީ މި ދުވަސްވަރުކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޒުވާން ހާފިޡުންނަކީ މިގައުމުގެ މުސްތަގުބަލުކަމަށެވެ. އެ ހާފިޡުންނަކީ ކުރިއަށް އޮތް 100 އަހަރަށް، އަންނަން އޮތް ޖީލަށް އިސްލާމީ ރިސާލަތު ފޯރުކޮށްދޭން ތިބި ޒުވާނުންކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޒުވާން ޙަތީބުން އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ރާއްޖޭގެ 65 ރަށުގައި ދާއިމީ އިމާމުން ނެތްކަމަށާއި، އެ ރަށްރަށުން އިމާމުކަން ކުރާނެ މީހުން ނުވެސް ލިބޭކަމަށެވެ.

ނަމަވެސް އެ ޕްރޮގްރާމާއެކު ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތުގެ މަލަމައްޗަށް މިއަދު އުޖާލާކަން އަންނަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް