ތާރީހީ އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ގައުމީ ކެޕްޓަން އިންމި އަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އިންމި (ކ) އެވޯޑާ ހަވާލުވަނީ -- ފޮޓޯ/އެފްއޭއެމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ގެ ޝަރަފުވެރި އެވޯޑު، ގައުމީ ފުޓްސަލް ޓީމުގެ އިތުބާރު ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ހާސިލް ކޮށްފި އެވެ.
މި އެވޯޑަށް ގައުމީ ފުޓްސަލް ޓީމުގެ މުހިންމު ފަސް ކުޅުންތެރިއަކު ނޮމިނޭޓްވިއެވެ. އެއީ އިންމިގެ އިތުރުން އަހުމަދު ހަމީދު (އައްމަޑޭ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަހުމަދު (އަސޫ) އެވެ.
މި އަހަރު ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ތަށި ރާއްޖެއިން ހޯދީ އިންމިގެ ކެޕްޓަންކަމުގެ ދަށުންނެވެ. އޭނާއަކީ މުޅި މުބާރާތުގައިވެސް އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ.
އެގޮތުން ރާއްޖެއިން ވަނީ ފުރަތަމަ މެޗުތަކުގައި ޕާކިސްތާން 7-1 އިން، ބަންގްލަދޭޝް 6-1 އިން އަދި އިންޑިއާ އަތުން 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. އަދި ވާދަވެރި މެޗުތަކަށްފަހު ނޭޕާލް 2-1 އިން، ބޫޓާން 3-1 އިން އަދި ސްރީލަންކާ 5-2 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މީގެ އިތުރުން އިންމި ވަނީ މުބާރާތުގައި ޖުމްލަ ނުވަ ގޯލު ޖަހައިފަ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ވެސް އޭނާ އެވެ.
ފުޓްސަލްގައި 20 އަހަރަށްވުރެ ދިގު ކެރިއަރެއް އޮތް އިންމި ވަނީ ވޭތުވެދިޔަ 8 ވަރަކަށް އަހަރު ގައުމީ ޓީމުގެ ފޯވާޑް އަދި މިޑްފީލްޑް ރޯލުތަކުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ޓީމަށް ހިދުމަތް ކޮށްދީފަ އެވެ. އޭގެ ތެރޭގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން، އޭޝިއަން އިންޑޯ މާޝަލް އާޓްސް އަދި ތައިލެންޑް އިންވިޓޭޝަނަލް ކަޕް ފާހަގަ ކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް