ޚަބަރު

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާއެކު -- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ އާސިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ މުޙައްމަދު ޝެހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިގޮތުން، ޕާކިސްތާނުގެ ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ތަފާތު ދާއިރާތަކުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވައި، ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައެވެ.
ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، ޕާކިސްތާނުގެ ރައްޔިތުންނަށް ތާއަބަދުގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް