Article Top
ކުޅިވަރު •

އެންމެ މޮޅު ކީޕަރުންގެ ލިސްޓުގައި ހުސެއިން، އަޝްވާން، ފައިސަލް އަދި ޝަފީއު

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެންމެ މޮޅު ކީޕަރުންގެ ލިސްޓުގައި ހުސެއިން، އަޝްވާން، ފައިސަލް އަދި ޝަފީއު

އެފްއޭއެމް އެވޯޑްސް 2026 ގައި ހޮވަން ހަމަޖެހިފައިވާ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ހަތަރު ކީޕަރުން ހާމަކޮށްފި އެވެ.

މި އެވޯޑަށް ވާދަކުރާ ގޯލްކީޕަރުންނަކީ ހުސެއިން ޝަރީފް (ހުސެން)، މުހައްމަދު އަޝްވާން، މުހައްމަދު ފައިސަލް އަދި މުހައްމަދު ޝަފީއު (ޗެކް) އެވެ.

Advertisement
Article Inside

ކީޕަރު ހުސެން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ގޯލުގައި މުހިންމު ދައުރެއް އަދާކޮށް، އެ ޓީމަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމުގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް ވަނީ އަދާކޮށްފަ އެވެ.

ހަމަ އެއާއެކު ޝަފީއު ވަނީ ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކްލަބަށް ތާރީހީ ސީޒަނެއް ކުޅެދީ، ލީގުގެ ދެވަނަ މަގާމު ހޯދައިދިނުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ތަޖުރިބާކާރު ކީޕަރު ފައިސަލް ސީޒަން ފެށީ ބުރު ސްޕޯޓްސްގެ ކެޕްޓަންގެ ގޮތުގައި ނަމަވެސް، ސީޒަންގެ ކުރީކޮޅު ނިއުރޭޑިއަންޓްގެ ކީޕަރުންނަށް ލިބުނު އަނިޔާތަކާ ގުޅިގެން އެ ކްލަބަށް ބަދަލުވެ، ނިއުއިން ލީގުގެ ތިންވަނައިގައި ނިންމާލުމާއި އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ބޮޑު ދައުރެއް އޭނާ އަދާކުރި އެވެ.

ޒުވާން ކީޕަރު މުހައްމަދު އަޝްވާން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް، މިދިޔަ ސީޒަނުގައި ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި މޭން އޮފް ދަ މެޗް އެވޯޑު ވެސް ވަނީ ހޯދާފައެވެ.

އަޝްވާން މިސީޒަންގައި ވަނީ އޮޑި ސްޕޯޓްސް އަށް ބަދަލުވެފަ އެވެ. އަދި ޝަފީއު ވަނީ މި ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. މި ސީޒަން ފެށީގެން ކުރިއަށް ދާއިރު، ފައިސަލް އާއި ޝަފީއު މިވަގުތު ހުރީ އަނިޔާގަ އެވެ.

އެފްއޭއެމުން ވަނީ އެންމެ ފަހުން 2017 އާއި 2018 ގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކީޕަރުގެ އެވޯޑް ދީފަ އެވެ. އެގޮތުން 2017 ގައި ލެޖެންޑަރީ ކީޕަރު އިމްރާން މުހައްމަދު އެވޯޑް ހޯދި އިރު، ޖެހިގެން އައި އަހަރު އެވޯޑް ހޯދީ އެ އަހަރު ޓީސީ އަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ނޭޕާލް ގައުމީ ޓީމުގެ ކިރަން ޝެމްޝޮންގް އެވެ.

މި އަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މިރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް