ރައީސް މުޢިއްޒުގެ މާލީ ބަޔާން އާންމުކޮށް ފެންނަން ހުންނާނެ، އަދަދުން ޝާއިއުކުރީ ދޮގު ޚަބަރެއް: މުންދު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހާމަކުރަން ރައީސް އޮފީހުން ދެކޮޅު ހެދި ކަމަށް ބުނެ، އަދަދު ނޫހުގައި ޝާއިއުކޮށްފައި ވަނީ ދޮގު ޚަބަރެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ މުންދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ “އެސެޓް ޑެކްލެރޭޝަން” އަކީ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި ބަލާލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑުކޮށްލެވޭ ގޮތަށް މިހާރު ވެސް ހުންނާނެ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، އެ މައުލޫމާތު ފެންނަން ހުންނާނެކަން މީގެ ކުރިން ވެސް ރައީސް އޮފީހުގެ ޚަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.
ރައީސް މުޢިއްޒުއާ ގުޅޭ ގޮތުން އަދި ސަރުކާރާ ގުޅުވައިގެން މެދު ނުކެނޑި، ބޮޑެތި ދޮގުތައް "އަދަދު" ނޫހުން ފަތުރަމުންދަނީ ސިޔާސީ މަޤުސަދެއްގައި ކަމަށްވީ ހިނދު، މިފަދަ ދޮގު މައުލޫމާތު ފާހަގަކޮށް، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސް ނުޖެހޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަަށް ވެސް މުންދު ވިދާޅުވި އެވެ.
މުންދުގެ ބަޔާނުގައި ވަނީ ރައީސް މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަން، ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތަށް ހިމަނައިފަ އެވެ. ރައީސް މުޢިއްޒުގެ މާލީ ބަޔާން ހާމަކުރައްވާފައިވާއިރު، ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާން ވެސް ހާމަކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް