ކަމަލާ ވާދަކުރައްވާ ނަމަ، 2028 ގެ ރިޔާސީ ރޭހަށް ނުނިކުންނަވާނެ ކަމަށް ނިއުސަމް ވިދާޅުވެއްޖެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ އާއި ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމް
އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވާދަކުރައްވާ ނަމަ، އެ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވެއްޖެ އެވެ.
ނިއުސަމް މިހެން ވިދާޅުވީ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އެވެ.
ކެލިފޯނިއާ އަށް ނިސްބަތްވާ ނިއުސަމް އާއި ކަމަލާ އަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެންމެ ކުރީގައި އުޅުއްވާނެ ކަމަށް ބެލެވޭ ދެ ބޭފުޅުންނެވެ. މި އަހަރު ގަވަރުނަރުކަމުގެ ދައުރު ހަމަވާ ނިއުސަމް އަކީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވާ ބޭފުޅެކެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އޭނާ ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.
ނަމަވެސް، ކަމަލާއާ ދެކޮޅަށް އިންތިޚާބަށް ނުކުތުމަކީ ވޯޓުލާ މީހުންގެ ވަގުތު ބޭކާރު ކުރުން ކަމަށާއި، އެއީ ސިޔާސީ ވާދަވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ ކަމަށް ނިއުސަމް ވިދާޅުވި އެވެ.
ސީއެންއެންގެ އެންކާ ޖޭކް ޓެޕާ އަށް ދެއްވި އިންޓަވިއުގައި ނިއުސަމް ވިދާޅުވީ، އޭނާ ކަމަލާއާ ދެކޮޅަށް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި، އެންމެންގެ ވަގުތު ބޭކާރު ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ. ނިއުސަމް އިތުރަށް ވިދާޅުވީ، އޭނާ އާއި ކަމަލާގެ ސިޔާސީ ފިކުރާއި ތާއީދުކުރާ މީހުންނަކީ ދާދި އެއް ބައެއް ކަމަށާއި، އެހެންކަމުން ރައްޔިތުންނަށް އެފަދަ ދަތި ހާލަތެއް މެދުވެރިކުރަން އޭނާ ބޭނުންފުޅު ނުވާ ކަމަށެވެ.
2024 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރުމާ މެދު ވިސްނެވި ކަމަށާއި، ނަމަވެސް އެ ފަހަރު އެކަމަށް ތައްޔާރު ނޫން ކަމަށް ނިއުސަމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ އަށް އޭނާ ތައްޔާރުތޯ އަދިވެސް ވަޒަންކުރަމުންދާ ކަމަށް ނިއުސަމް ވިދާޅުވި އެވެ. ނިއުސަމް މިހެން ވިދާޅުވި ނަމަވެސް، ސިޔާސީ މައިދާނުގައި މަޤުބޫލުކަން ހޯދުމަށް އަދިވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެމެރިކާގައި އެންމެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ކަމަލާ ވާދަކުރެއްވި އެވެ. އެފަހަރު އޭނާ ވާދަކުރެއްވީ، އޭރު ރައީސް އަކަށް ހުންނެވި ޖޯ ބައިޑަން ވަކި ހިސާބަކުން ރިޔާސީ ރޭހުން ވަކިވާން ނިންމުމުންނެވެ. އަލުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ ބެހޭ ގޮތުން ކަމަލާ ވަކި އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް