ފަލާހު އަތުން ސެކަންޑް ހޭންޑް ލޭންޑިންގް ކްރާފްޓެއް ގަތް ވާހަކަ ފަހުމީ ދޮގުކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އެމްޑަބްލިއުއެސްސީގެ އެމްޑީ ފަހުމީ -- ފޮޓޯ/ ދިވެހިރާއްޖޭގެ އަޑު
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީއަށް ނުއަގުގައި ލޭންޑިންގް ކްރާފްޓެއް ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އަތުން 900،000ރ. ގެ ސެކަންޑް ހޭންޑް ލޭންޑިންގް ކްރާފްޓެއް، އެތައް ގުނައެއް ބޮޑުކޮށް 17 މިލިއަން ރުފިޔާއަށް އެ ކުންފުންޏަށް ގަތުމަށްފަހު، އެ އުޅަނދުގެ މަރާމާތަށް 1.8 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޑީ ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެ ފަދަ އެއްވެސް އުޅަނދެއް އެމްޑަބްލިޔުއެސްސީއަށް ގަނެފައިނުވާނެ ކަމަށެވެ.
ފަހުމީ ވިދާޅުވީ މިފަދަ ކަމަކަށް ކުންފުނީގެ ބޯޑުގެ ހުއްދައެއް ހޯދާފައިނުވާ ކަމަށާއި އެއްވެސް ފަރާތަކާ އެކު އެފަދަ މަޝްވަރާއެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
މި ލޭންޑިން ކްރާފްޓް ގަތުމާ ދެކޮޅު ހެދުމުން ބޯޑު މެންބަރަކު އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަތައް ދޮގު ކުރައްވަމުން ފަހުމީ ވިދާޅުވީ އެ މެންބަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހުރެ ކަމަށެވެ.
ފަހުމީ ވިދާޅުވީ މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އިތުބާރު ހިފޭ މަސްދަރެއް ނެތި މިފަދަ ވާހަކަތައް ހަގީގަތެއްގެ ގޮތުގައި ފަތުރައިގެން ނުވާނެ ކަމަށެވެ.
އެމްޑީ ފަހުމީ އިތުރަށް ވިދާޅުވީ އެމްޑަބްލިޔުއެސްސީން އިންސާފުވެރިކަމާ އެކު ކަންކަން ނިންމުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް