Article Top
ކުޅިވަރު •

ގައުމީ ކްރިކެޓް ޓީމުން ތާރީހީ މޮޅެއް، ޗައިނާ ބަލިކުރީ 10 ވިކެޓުން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ކްރިކެޓް ޓީމުން ތާރީހީ މޮޅެއް، ޗައިނާ ބަލިކުރީ 10 ވިކެޓުން

މިއަދުގެ މެޗުގެ ތެރެއިން -- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔާ ބީ ގައި ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޗައިނާ އަތުން 10 ވިކެޓުގެ މޮޅު ވެއްޖެ އެވެ.

މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ކުޅުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮލްރައުންޑް މޮޅު ކުޅުމެއް ދެއްކި ޓީމުގެ ވައިސް ކެޕްޓަން ޔޫސުފް އަޒްޔާން ފަރްހަތެވެ.

Advertisement
Article Inside

މެޗުގެ ޓޮސް ދިމާވެގެން ޗައިނާ އެންމެ ފުރަތަމަ ނިންމީ ބެޓް ކުރާށެވެ. ނަމަވެސް، ދިވެހި އުކުންތެރިންގެ ހުޝިޔާރުކަމާއެކު ޗައިނާގެ ހުރިހާ ކުޅުންތެރިން 16.3 އޯވަރުގެ ތެރޭގައި ވަނީ ނުބައި ކޮށްލައިފަ އެވެ. މި އިނިންސްގައި ޗައިނާއަށް ހެދުނީ 96 ލަނޑެވެ.

ރާއްޖޭގެ އުކުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ 33 ލަނޑަށް 3 ވިކެޓް ނެގި އަޒްޔާން އެވެ. މީގެ އިތުރުން އިބްރާހިމް ރިޒާން 7 ލަނޑަށް 2 ވިކެޓް، ތަރުޝާ ކަވިންދަ 11 ލަނޑަށް 2 ވިކެޓް، އަދި ހަރްޝާ އަމަރަސިންހަ 5 ލަނޑަށް 1 ވިކެޓް ނަގާފައި ވެއެވެ.

ޖަވާބުގައި 97 ރަން ހަމަކުރުމަށް ދިވެހި ޓީމުން ކުޅެން އަރައި، އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 10.1 އޯވަރުގެ ތެރޭގައި 100 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.

ރާއްޖޭގެ އޯޕަނިން ޕެއާ އެއްކޮށް ނުބައިނުވެ ތިބެ މެޗު ނިންމާލިއިރު، އަޒްޔާން ވަނީ 33 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ. އަދި އޭނާއާއެކު ބެޓް ކުރަން ނިކުތް މުހައްމަދު ރިޝްވާން ވަނީ 29 ބޯޅައިން 44 ލަނޑު ހަދައިފަ އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާ އެވެ. ހުކުރު ދުވަހު ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެލަންގޯ ޓާފް ކްލަބްގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް