މޯލްޑިވިއަނުން ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މޯލްޑިވިއަނުން އުމްރާވެރިން ދަތުރުކުރަނީ ---
ގައުމީ އެއާލައިން މޯލްޑިވިއަންއިން އައްޑޫ ސިޓީ ގަމުން ސައުދި އަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަނުން އެ ދަތުރުތުތައް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު 15 އަށް ހާއްސަކޮށްގެންނެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ހާއްސަ ދަތުރެކެވެ.
އެ ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ކަމަށެވެ.
އެ ކޯޕަރޭޝަނުން ވަނީ ފަހު ފަނަރައިގައި އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް ވަނީ ހުޅުވާލައިފައެވެ.
އެ ކޯޕަރޭޝަނުގެ ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ.
މީގެ އިތުރުން މުޅި ރަމަޟާން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިހާރު ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި މުޅި ރަމަޟާން އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހަމައެއާއެކު ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ރަމަޟާން ޢުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. އެގޮތުން އުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް