ކުޅިވަރު

ގައުމީ ޓީމުގެ ކެޕްޓަންކަން އަލުން ސަމޫހަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ޓީމުގެ ކެޕްޓަންކަން އަލުން ސަމޫހަށް

ގަލޮޅު ދަނޑޫގައި ރޭ ބޭއްވި ގައުމީ ޓީމުގެ ޕްރެސް ކޮންފަރެންސްގައި ސަމޫހް އާއި ކޯޗު އުރުބާނީ. -- ފޮޓޯ/ ޖީލު އޮންލައިން

ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ އަލުން، ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އާ ހަވާލުކޮށްފި އެވެ.

ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ޗައިނާ، ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް ކޯޗު އިސްތަވާން އުރުބާނީ ވަނީ މިކަން އިއުލާންކޮށްފަ އެވެ.

އުރުބާނީ ބުނީ ސަމޫހާ އަލުން ކެޕްޓަން ބޭންޑް ހަވާލުކުރީ އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭނީ އޭނާއަށް ކަމަށްވާތީ ކަމަށާއި، ޓީމުގައި އޭނާގެ ލީޑަޝިޕަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. މިއަހަރު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބުލީ މުބާރާތުގައި ސަމޫހަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ.

މާޒިޔާ ސްޕޯޓްސްގެ ވެސް ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ މަހިބަދޫއަށް ނިސްބަތްވާ ސަމޫހް، އެންމެ ފުރަތަމަ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ 2018 ގެ ސާފް ޗެމްޕިއަންޝިޕަށްފަހު އޭރުގެ ކެޕްޓަން އަކުރަމް އަބްދުއްޣަނީ އަށް އަނިޔާވުމުންނެވެ. އޭގެފަހުން 2019 އިން ފެށިގެން އެ ޒިންމާ އަދާކުރަމުން ގޮސް، ރަސްމީކޮށް ކެޕްޓަންކަމާ ހަވާލުވީ 2023 ގެ ސާފް ޗެމްޕިއަންޝިޕަށެވެ.

ޤައުމީ ޓީމުން މި މަހުގެ 24 ގައި ޗައިނާއާ ދެކޮޅަށް ނުކުންނައިރު، މި މަހުގެ 28 ގައި ކިރިގިސްތާނާ އަދި އަންނަ މަހުގެ 1 ވަނަ ދުވަހު ލުބުނާނާ ދެކޮޅަށް ނުކުންނާނީ ކިރިގިސްތާނުގަ އެވެ. މެޗުތައް ކުޅެން ގައުމީ ޓީމު ޗައިނާއަށް ދާން މިއަދު ހަވީރު ފުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް