2040 ގައި އދ. ގެ މުހިންމު ކައުންސިލްތަކަށް ކުރިމަތިލުމަށް ރާއްޖޭން ނިންމައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އދ. ގެ އާންމު މަޖިލީހުގައި ނައިބު ރައީސް ތަގުރީރު ދެއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މާސްޓާޕްލޭނާ އެއްގޮތަށް 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަޒުމުގައި، އދ. ގެ އެންމެ މުހިންމު ނިންމުންތައް ނިންމާ ކައުންސިލްތަކަށް ކުރިމަތިލުމަށް ރާއްޖެއިން ނިންމައިފި އެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް ދެއްވި ތަގުރީރުގައި ވިދާޅުވީ، ދުނިޔޭގެ މަޝްރަހުގައި ކުދި ގައުމުތަކަކީ ހަމައެކަނި "ނިންމުންތަކަށް ތަބާވާ" ގައުމުތަކެއްގެ ގޮތުގައި ތިބެންޖެހޭ ބައެއް ނޫންކަމަށާއި، ބައިނަލްއަގުވާމީ ނިންމުންތައް ނިންމުމުގައި "އިސް ރޯލު އަދާކުރާ" ބަޔަކަށް ކުދި ޖަޒީރާ ގައުމުތައް ވާންޖެހޭ ކަމަށެވެ.
އެގޮތުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހިއްސާއާއި ވަރުގަދަކުރުމަށްޓަކައި އދ. ގެ ތިރީގައިވާ މުހިންމު މަގާމުތަކަށް ކުރިމަތިލުމަށް ނިންމާފައިވާކަން ނައިބު ރައީސް އިއުލާން ކުރެއްވި އެވެ؛
އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލް: 2027 އިން 2029 އަށް ECOSOC ގެ ގޮނޑިއެއް ރާއްޖެއިން ކާމިޔާބުކޮށް، އެ ކައުންސިލްގެ އިންތިހާބީ މެންބަރުކަން އަދާކުރުން.
އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް: 2028 އިން 2030 އަށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ކުރިމަތިލުން.
އދ. ގެ ސެކިއުރިޓީ ކައުންސިލް: 2033 އިން 2034 އަށް ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން ގޮނޑިއަކަށް ކުރިމަތިލުން.
ނައިބު ރައީސްގެ ތަގުރީރުގައި، ދުނިޔޭގެ އިގްތިސާދީ އަދި މާލީ ނިޒާމު އިސްލާހުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، ތަރައްގީ ވަމުންދާ ކުދި ގައުމުތަކަށް ދަރަނި ލުއިކޮށްދިނުމަށާއި، މާލީ އެހީތެރިކަން ހޯދުމުގައި އުފެދޭ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އިސްނަގައިގެން އުފައްދާފައިވާ "ބޮރޯވާސް ޕްލެޓްފޯމް"ގައި ރާއްޖެއިން އިސްކޮށް ބައިވެރިވެފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، 2040 ގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރުމަށްޓަކައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، އިގްތިސާދު ޑައިވާސިފައިކޮށް، އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" ފަދަ ޒަމާނީ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ނައިބު ރައީސް ވަނީ އދ. ގެ އާންމު މަޖިލީހުގައި ހިއްސާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް