އެފްއޭއެމް ގާލްސް އެކަޑަމީ ޕްރޮގްރާމް ފަށަނީ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އަންހެން ގައުމީ ޓީމްގެ ފަރިތަކުރުންތަކެއް ކުރިއަށް ދަނީ -- ފޮޓޯ/ އެފްއޭއެމް
ރާއްޖޭގައި އަންހެން ކުދިންގެ ފުޓްބޯޅަ ކުރިއަރުވައި، ދިގުމުއްދަތަކަށް ކުޅުންތެރިން ތަމްރީނުކުރުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން "ލާން ޓުގެދާ – އެފްއޭއެމް ގާލްސް އެކަޑަމީ ޕްރޮގްރާމް" އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.
ފީފާގެ ވިމެންސް ފުޓްބޯލް ޑެވެލޮޕްމަންޓް ޕްރޮގްރާމްގެ ދަނޑުން ހިންގާ އެފްއޭއެމް ގާލްސް އެކަޑަމީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ރަޖިސްޓްރީ ކޮށްފައިވާ ފުޓްބޯޅަ ކްލަބްތަކަށާއި، އެކަޑަމީތަކަށް އަދި ސްކޫލްތަކަށް އެ އެސޯސިއޭޝަނުން ވަނީ މި މަހުގެ 20 އާ ހަމައަށް ހުޅުވާލައިފަ އެވެ.
އެންމެ ފުރަތަމަ މި އަހަރުގެ ޕައިލެޓް ފޭސްގެ ދަށުން އެފްއޭއެމް އިން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޝަރުތު ހަމަވާ ހަ އެކަޑަމީ ޕާޓްނަރުންނާ އެކު އެވެ. ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެފްއޭއެމްގެ ފަރާތުން ފަންނީ އެހީތެރިކަމުގެ އިތުރުން ކުޅޭ ޖާޒީ، ޓްރެއިނިން ބިބްސް، ބޯޅަ އަދި ކޯނާއި މާކަރު ފަދަ ޓްރެއިނިން އިކުއިޕްމަންޓްސް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/415492
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ކްލަބް، އެކަޑަމީ ނުވަތަ ސްކޫލްތަކުން ޝަރުތުތަކެއް ވެސް ފުރިހަމަ ވާންޖެހެ އެވެ:
މަދުވެގެން 20 އަންހެން ކުދިން ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވިފައިވުން (އަންޑަ 6 އިން ފެށިގެން އަންޑަ 16 އާ ދެމެދު).
ހަފްތާއަކު މަދުވެގެން 2 ޓްރެއިނިން ސެޝަނާއި 1 މެޗް ޑޭ ކުރިއަށް ގެންދެވޭނެ ގާބިލުކަން ހުރުން.
މަދުވެގެން އޭއެފްސީ/އެފްއޭއެމް ސީ ކޯޗިން ސެޓްފިކެޓް އޮތް އެއް ކޯޗު ހުރުން.
މަދުވެގެން 2 އަހަރު ދުވަހުގެ ދިގުމުއްދަތުގެ ޕްލޭޔާ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް އެކުލަވާލާފައިވުން.
ކުދިންގެ ރައްކާތެރިކަމަށް ހާއްސަ "ޑެސިގްނޭޓެޑް ސޭފްގާރޑިން އޮފިސަރު" އެއް ހުރުން.
ބައިވެރިވާން އެދޭ ފަރާތްތަކުން އެކަޑަމީ ނުވަތަ ކްލަބްގެ ރަޖިސްޓްރީ ސެޓްފިކެޓް، އެކަޑަމީގެ ޕްރޮފައިލް، 2 އަހަރުގެ ޑިވެލޮޕްމަންޓް ޕްލޭން، އަދި މުއާމަލާތް ކުރާނެ އިސް ފަރާތުގެ މަޢުލޫމާތު، 20 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން technical@famaldives.com އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ކަމަށް އެފްޢޭއެމް އިން ގެޒެޓް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް