އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުޙައްމަދު އަލީ އަވަހާރަވެއްޖެ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ އަދި ކުރީގެ ޗީފް އޮފް ސްޓާފް ޑޮކްޓަރު މުޙައްމަދު އަލީ
މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޑޮކްޓަރު މުޙައްމަދު އަލީ އަވާހަރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު އަލީ އަވަހާރަވެފައި ވަނީ، އާދީއްތަ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.
މުޙައްމަދު އަލީ އަކީ ތިމާވެށީގެ ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަލީ ވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
މީގެ އިތުރުން މުޙައްމަދު އަލީ ވަނީ މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ. ޤުރުއާން އާއި ސައިންސްގެ ދާއިރާގައި ވެސް މުޙައްމަދު އަލީ އަކީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ގިނަ ދާއިރާ ތަކުން ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު އަލީ ވަނީ މީގެ ކުރިން ޗީފް އޮފް ސްޓާފްގެ މަޤާމު ވެސް އަދާ ކުރައްވައިފަ އެވެ. އެ މަޤާމުގައި މުޙައްމަދު އަލީ ހުންނެވީ ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދައުރުގައި އެވެ. އެ މަޤާމުގައި ހުންނަވަނިކޮށް، ފަހުން ރައީސް ވަޙީދު ވަނީ މުޙައްމަދު އަލީ އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމަށް އައްޔަން ކުރައްވައިފަ އެވެ.
މުޙައްމަދު އަލީ ވަނީ ހޯމް މިނިސްޓްރީގެ އިތުރުން، ޕްލޭނިން މިނިސްޓްރީގައި ވެސް ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް