ޚަބަރު

ކުޑަ އަގެއްގައި ބިން ވިއްކި މައްސަލަ: 23 އަހަރު ކުރިން ގަތް ބިން އޮތީ ހަވާލުނުކޮށް: މިނިސްޓްރީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކުޑަ އަގެއްގައި ބިން ވިއްކި މައްސަލަ: 23 އަހަރު ކުރިން ގަތް ބިން އޮތީ ހަވާލުނުކޮށް: މިނިސްޓްރީ

މިނިސްޓަރު މުއްތަލިބު

ހައުސިން މިނިސްޓްރީން ކުޑަ އަގެއްގައި ހުޅުމާލެއިން ބިމެއް ވިއްކަން ނިންމީ 2003 ވަނަ އަހަރު މީހަކު ގަތް ބިން މިހާތަަނަށް ވެސް ހަވާލުކޮށްފައިނުވަތީކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ކުޑަ އަގެއްގައި މިނިސްޓްރީން ބިމެއް އަހުމަދު ޒާހިރު ކިޔާ މީހަކަށް ވިއްކިކަމުގެއް އިންޓާނަލް މެމޯއެއް ސޯޝަލް މީޑިއާގައި ދައުރުކޮށް އެ މިނިސްޓްރީއަށް ފާޑުކިޔަމުންދަނިކޮށް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަހުމަދު ޒާހިރު 2003 ވަނަ އަހަރު ހައުސިން މިނިސްޓްރީ ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" މަޝްރޫއުގެ ދަށުން ގޯއްޗެއް ގަނެފައިވާކަށް ލިޔެކިޔުންތަކުން އެނގޭކަމަށެވެ.

އެއިރު 904 އަކަފޫޓުގެ އެ ބިން ޒާހިރު އޭރު ގަތީ 339،00 ރުފިޔާއަށްކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެ ބިން ޒާހިރުއަށް ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ފަހުން ކޮންމެ ސަރުކާރެއްގައި ވެސް އެ ބިން ހަވާލުކޮށްދިނުމަށް ޒާހިރު އެދިފައިވާކަމަށާއި، 23 އަހަރުވީ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އޭނާ އެދެމުންދާތީ، އެ މައްސަލައަަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޒާހިރުގެ ދިރިއުޅުމުގެ ހާލަތަށްބަލައި، ކުރިން އޭނާއަށް ބިން ވިއްކަން އެއްބަސްވެފައިވާ "ކޮމާޝިއަލް ޓާމްސް"ގެ ތެރެއިން އެ ބިން ވިއްކުމަށް މިނިސްޓްރީން ނިންމައިފައިވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޒާހިރުއަށް ވިއްކަން ނިންމައިފައިވާ ބިމަކީ ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން އަސާސީ ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ގޯއްޗެއްގެ އެއްބަސްވުން ބާތިލިކުރުމުން ހުސްކޮށް މިހާރު އޮތް ބިމެއްކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ބިން ޒާހިރުއަށް ވިއްކަން މިނިސްޓްރީން އެއްބަސްވީ އޭނާއަށް އޭނާއަށް ގުޅީފަޅުން ލިބިފައި އޮތް ބިމެއް ދޫކޮށްލުމަށް ވެސް އެއްބަސްވުމުންނެވެ.

ނަމަވެސް މިނިސްޓްރީން ބުނީ އެކަމުގައި މިނިސްޓްރީއަށް އަމަލުކުރެވިފައިވަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ބިން ވިއްކީ އޭސީސީގެ ލަފާގެ އިތުރުން ގާނޫނީ ލަފާ ވެސް ހޯދައިގެންކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް