އަބުޗާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑުގެ ހަ މެމްބަރުން ވަކިކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.
އައްޑޫ އަށް މަސްތުވާތަކެތި އެތެރެކޮށް، އެކަމުގެ ވިޔަފާރީ އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، ޖަލަށް ލާފައިވާ ޢަބްދުﷲ އިބްރާހީމް (އަބުޗާ) ދޫކޮށްލި މައްސަލައިގައި، ޕެރޯލް ބޯޑުގެ ހަ މެމްބަރުން މަޤާމުން ވަކިކޮށްފި އެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޕެރޯލް ބޯޑުގައި ތިބޭ މެމްބަރުންގެ ތެރެއިން އަބުޗާ ދޫކޮށްލަން ނިންމި މެމްބަރުން މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ބޯޑުގެ ހަ މެމްބަރަކު ވަނީ މަޤާމުން ވަކިކޮށްފައި އެވެ. އަބުޗާ ދޫކޮށްލިއިރު، އޭނާގެ ޖަލުގެ މުއްދަތު ގުނާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުގެ މެމްބަރުން ވަކި ކުރަން ނިންމީ، އެ މެމްބަރުން ކުށްވެރިވެގެން ނޫން ކަމަށެވެ. އަދި އަބުޗާ ދޫކޮށްލަން ނިންމުމުގައި ޕެރޯލް ބޯޑުގެ މެމްބަރުންގެ ގޯސް ނިޔަތެއް އޮތް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބޯޑުގެ މެމްބަރުންގެ ނަންތައް ހާމަކުރަން ބޭނުންނުވާ ކަމަށެވެ.
ބޯޑު އެގޮތުގައި އޮވެ ކުރިއަށް ގެންދަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބޭނުންފުޅު ނުވާ ކަމަށާއި، ބޯޑުގެ މެމްބަރުން ބަދަލުކުރަނީ އެ ސަބަބާ ހުރެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ. ހަމައެހެންމެ، ޕެރޯލް ބޯޑަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށާއި، އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް