ޕްލާސްޓިކްގެ ބާވަަތްތަކުގެ ލިސްޓަށް ރައީސް އިސްލާހު ގެންނަވައިފި
އަލީ އީމާން
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްލާހު ގެންނަވައިފި އެވެ.
މިއަދު ރައީސް އޮފީހުން ނެރަފައިވާ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އިސްލާހު ގެނަސްފައިވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލައި ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކޮށް މި ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރުމަށެވެ.
ހަމައެއާއެކު ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ފަސްކޮށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ބޯފެން ނޫން އެހެން ތައްޔާރީ ބުއިންތައް ހޮނިހިރު ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ އެވެ.
ރައީސް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި އިސްލާހުތައް ގެނަސްފައިވަނީ ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި މި އިސްލާހުތައް ހޮނިހިރު ދުވަހުން ފެށިގެން ދައުލަތުގެ ގެޒެޓުގައި ޝާއީކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް