ކުޅިވަރު

ބައްޕަގެ މަރަށް ފަހު، މެސީގެ އަސަރު ގަދަ ޕޯސްޓެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބައްޕަގެ މަރަށް ފަހު، މެސީގެ އަސަރު ގަދަ ޕޯސްޓެއް

ޤަތަރުގައި 2022 ވަަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ތެރޭގައި މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ ޖޯޖް މެސީގެ މަރަށް ފަހު، ފުރަތަމަ ފަހަރަށް މެސީ އޭނާގެ އިޙުސާސްތައް ބަންޑުން ކޮށްލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު މެސީގެ ބައްޕަ މަރުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މެސީ ފުރަތަމަ ފަހަރަށް އެއްޗެއް ބުނެފައި ވަނީ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެވެ.

މެސީގެ ދިގު ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، ބައްޕަ ވަކިވެގެން ދިޔަކަން ޤަބޫލު ކުރަން އަދިވެސް ދަތި ކަމަށެވެ. އަދި ދެން ދުވަހަކު ވެސް ބައްޕަ ނުފެންނާނެ ކަމަށް ޤަބޫލު ކުރުމާއި، ބައްޕައާ ވާހަކަ ނުދެއްކޭނެ ކަމަށް ޤަބޫލު ކުރުމަކީ އުނދަގޫ ކަމެއް ކަމަށް މެސީ ވަނީ ބުނެފައި އެވެ. މެސީ ބުނީ ބަައްޕަ ވަކިވެ ދިޔައީ މާ އަވަހަށް ކަމަަށާއި، އެކުގައި ގިނަ ކަންތައް ތަކެއް ހާސިލު ކުރަން އޮތް ކަމަށެވެ.

އިތުރަށް އެ ޕޯސްޓުގައި މެސީ ބުނެފައި ވަނީ، ބައްޕައާ ނުލައި އޭނާ ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަމަށެވެ. ފުޓުބޯޅަ ކުޅުމުގައި މިހާތަނަށް ދެމި ހުރި ނަމަވެސް، ބައްޕައާ ނުލައި ދެން ކެރިއަރު ކުރިއަށް ގެންދެވޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ ކަަމަށް ވެސް މެސީ ވަނީ ބުނެފައި އެވެ. އެއާ އެކު މެސީ ބުނީ އޭނާގެ ކެރިއަރު ފެށުނީއްސުރެ، ގާތް ގަނޑަކަށް އެންމެ ފަހު ވަގުތާ ހަމައަށް ބައްޕަ އޭނާ އާއެކު ހުރި ކަމަށެވެ.

މީގެ އިތުރުން މެސީ ވަނީ ބައްޕަގެ ބައެއް ހަނދާންތައް ވެސް އައު ކޮށްފައި އެވެ. އެގޮތުން މެސީ ގޮވައިގެން ބައްޕަ ޓްރެއިނިން ތަަކަށް ދާ ހަނދާނާއި، ޓްރެއިނިން ނިންމާފައި އެކުގައި ގެޔަށް އަންނަ ހަނދާން ހުންނަ ކަަމަށް މެސީ ބުނެފައިވެ އެވެ. މެސީ ބުނީ އޭނާގެ ބައްޕަ އަކީ ކެރިއަރުގެ ކޮންމެ ހިސާބެއްގައި، އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި ދެމި ހުރި މީހާ ކަމަށެވެ.

މެސީ ބުނީ އެންމެ ފަހުން އެމެރިކާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ކުޅުމަށް ބައްޕަ އޭނާގެ ކިބައިން އެދުނު ކަމަށެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ތެރޭގައި އޭނާގެ ކައިރީގައި ބައްޕަ ނެތް ކަަމަށް މެސީ ފާހަގަ ކުރި އެވެ. ވޯލްޑް ކަޕް ފެށުމުގެ ކުރިން ބައްޕަގެ ހާލު ދެރަވި ކަމަށް މެސީގެ ޕޯސްޓުގައި ވަނީ ބުނެފައި އެވެ. އެއީ މެސީގެ ކެރިއަރުގައި އޭނާ ކުޅުނު މުބާރާތެއްގައި ބައްޕަ ނެތް ފުރަތަމަ ފަހަރު ކަމަށް ވެސް މެސީ ބުންޏެވެ. އަދި ވޯލްޑް ކަޕްގެ ފައިނަލް އަށް އާޖެންޓީނާ ދާނެ ވާހަކަ އާއި، ބައްޕަ އަށް ފައިނަލް މެޗު ބެލޭނެ ވާހަކަ ވެސް ބުނެފައިވާ ކަމަށް މެސީ ވަނީ ހިއްސާ ކޮށްފައި އެވެ.

އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވެފައިވާއިރު، މެސީގެ ބައްޕަ އަކީ އޭނާގެ އެޖެންޓުގެ ގޮތުގައި މިހާތަނަށް މަސައްކަތް ކުރި މީހާ އެވެ. އަދި މެސީގެ ކެރިއަރުގެ ހުރިހާ ކަމެއްގައި އޭނާގެ ބައްޕަ ބައިވެރިވެފައިވާއިރު، މެސީ ހޯދާ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި އޭނާގެ ބައްޕަ ހުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް