އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ސާލިޔާ އަށް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ސާލިޔާ -- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް އެވޯޑްސް 2026 ގައި ހޮވި ފާއިތުވި ސީޒަންގެ ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް އޮޑި ސްޕޯޓްސް ކްލަބާއި ގައުމީ ޓީމުގެ ފާތިމަތު ސާލިޔާ ހޯދައިފި އެވެ،
ސާލިޔާ އެވޯޑް ހާސިލް ކުރީ މާޒިޔާގެ އައިމިނަތު ލީޒާ، ޝައްފަ ޝިއުތު، ނިއު ރޭޑިއަންޓްގެ މައީޝާ އަބްދުލް ހަންނާން އަދި މަރިޔަމް ނޫރާއާ ވާދަ ކޮށެވެ.
އެފްއޭއެމުން މިދިޔަ ސީޒަނުގައި ވަނީ މުޅިން އަލަށް "އެފްއޭއެމް ވިމެންސް ލީގު" ގެ ނަމުގައި ގައުމީ ފެންވަރުގެ އަންހެން ލީގެއް ފަށާފައިވެ އެވެ. އޮޑިން ލީގުގެ ދެވަނަ ހޯދި އިރު، ލީގުގެ އެންމެ މޮޅު ލޯކަލް ކުޅުންތެރިޔާގެ އެވޯޑު ހޯދުމުގެ އިތުރުން، 8 ގޯލާއެކު ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ހޯދާފައި ވަނީ ކެޕްޓަން ސާލިޔާ އެވެ. އަދި އޭނާ ވަނީ ލީގުގެ ޑްރީމް ޓީމުގައިވެސް ހިމެނިފަ އެވެ.
ހަމަ އެއާއެކު ސާލިޔާ ވަނީ ލީގުގައި ދެ ހެޓްރިކް ހަދައި، ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކޮށްފަ އެވެ.
މިއީ ސާލިޔާ އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. އެފްއޭއެމުން މީގެ ކުރިން އަންހެން ކުޅުންތެރިޔާގެ އެވޯޑް ދީފައި ވަނީ 2018ގަ އެވެ.
ސާލިޔާ މިވަގުތު ހުރީ ކޯޗިން ތަމްރީނު ދަތުރެއްގައި ހަންގޭރީގަ އެވެ. އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ ދަށުން ހަންގޭރިއަން ޔުނިވަސިޓީ އޮފް ސްޕޯޓްސްގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކޯޗިން ކޯސް (އައިސީސީ) ފޯލް ސެޝަން 2026 ގައި ބައިވެރިވުމަށް އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު ފުރައިފަ އެވެ.
ސާލިޔާ އަށް ހަފްލާގައި ބައިވެރި ނުވެވުމުން ބަދަލުގައި ރޭގެ އެވޯޑާ ހަވާލުވީ އޭނާގެ ދަރިފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް