ހެޔޮ ބަދަލެއް، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން 50 އިންސައްތަ ދައްކައިދިނުމަށް މަޝްވަރާ ކުރަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އިސްލާމިކް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުކުރުމަށް މަަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ރައްޔިތު މީހާގެ އަތުން ދައްކަން ޖެހޭ އަދަދު، ރައްޔިތު މީހާ އަށް ލުއި ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަށްޓަކައި ފަސް އަހަރު ދުވަހަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރުމަށް އަޒުމު ކަނޑައަަޅައިގެން، ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އެއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖުވެރިޔާ އަތުން ނަގާނީ މިހާރު އޭނާ ދައްކަމުން އަންނަ އަދަދުގެ 50 އިންސައްތަ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެކަން ކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަން އިން ކަންތައްތަކެއް ކުރާނެ ކަމަށެވެ.
އެގޮތުން އިޤްތިޞާދީ ގޮތުން ފައިސާ ޖަނަރޭޓު ކުރެވޭނެ ވަސީލަތްތައް ޤާއިމުކޮށް، އެއީ ދާއިމީ އިންވެސްޓްމަންޓަަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައި އެވެ.
ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ޙައްޖަށް ދިޔުމަށް ފައިސާ ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް