ރައީސްގެ އިލްތިމާސް ޚަޠީބުންނަށް: އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް ނަމޫނާ ދައްކަދީ
އަލީ އީމާން
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ދިވެހިރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ދެމެހެއްޓުމަށްޓަކައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަަމޫނާ ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދާ ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވުމަށް 700 އަށްވުރެ ގިނަ ޒުވާނުން ނިކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫހަށް ލިބުނު އާ ބާރެއް ކަމަށް ސިފަކުރައްވާފަ އެވެ. އަަދި މި މަހާސިންތާގެ ސަބަބުން ރާއްޖެގެ އިސްލާމީ ވެއްޓަށް އަލިކަންދޭނެ އެތައް މުރައްބީންތަކެއްް އުފެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމީ ތާރީހާއި ދިވެހި ތާރީހުގައިވެސް ދީން މަތިވެރިކުރުމުގެ އެންމެ ބޮޑު ހަކަތައާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުންކަން ފާހަގަކޮށް، އެމަނިކުފާނު ވަނީ އިސްލާމީ ތާރީހު ދުށް ޒުވާން ޝަހްސުންގެ ހަނދާނާއި ޒިކުރާ އާކުރައްވާފައި އެވެ. އަދި އިސްލާމީ ތަައުލީމު ހޯދުމަށް ޒުވާން އިލްމުވެރިން ގާތްތިމާގެ މީހުންނާއި އަމިއްލަ ގައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި، ވެވަޑައިގެންނެވި ގުރުބާނީތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައި އެވެ.
ޒުވާން ހަތީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ހިކުމަތްތެރިކަން އިސްކުރުމަށް އިލްތިމާސްކޮށް ރައީސް ވިދާޅުވީ އިސްލާމްދީން އައިސްފައި ވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމަައުގައި އެއްބައިވަންތަކަމާއި ސުލްހަވެރިކަން ދަމަހަށްޓައިގެން ކަމަށެވެ. އަދި ދީނުގެ އަސާސަކީ މަސްލަހަތު ކަމުގައި ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު މިއަދު މި ފެނިގެންދާ ޒުވާން ހަތީބުންނަކީ މާދަމާ ރާއްޖޭގެ އިލްމުވެރިންނާއި، ވިސްނުންތެރިންނާއި، ހިކުމަތްތެރީންގެ އިތުރުން ކުޅަދާނެ ބަސްމޮށުންތެރިންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް