ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިހާބު: 49 ގޮނޑިއަށް 124 ކެނޑިޑޭޓުން ކުރިމަތިލައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޕީއެންސީގެ އޮފީސް ---
ވެރިކަން ކުރާ ޕީޕަލްްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ މަތީ މަޖިލީހުގެ އިންތިހާބުގައި 49 ގޮނޑިއަށް 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.
ޕީއެންސީން އާންމުކުރި ކެނޑިޑޭޓުންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އެކަނި ވެސް 8 ކެނޑިޑޭޓަކު ވާދަކުރެއެވެ. އެ މަގާމަށް އިންތިހާބުކުރަނީ 6 ކެނޑިޑޭޓުންނެވެ.
މީގެ އިތުރުން އަންހެން މެންބަރުން ތަމްސީލްކުރާ 10 މަޤާމަށް 22 ކެންޑިޑޭޓުން އަދި ޒުވާނުން ތަމްސީލުކުރާ 7 މަޤާމަށް 13 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓުން ވަނީ އެ މަގާމުތަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލުމުން އިންތިހާބަކާނުލައި އެ މަގާމަށް އިންތިހާބުވެފައެވެ.
އެގޮތުން އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އިންތިހާބުވީއިރު، ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމަށް އިންތިހާބުވީ ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކެޓްރީ އިބްރާހިމް އަބާންއެވެ.
އަންހެންނުންގެ ހަރަކާތުގެ ނައިބު ރައީސަކަށް އާމިނަތު ހުސައިން ޝަރީފް އިންތިހާބަކާނުލައި އިންތިހާބުވިއިރު، ވުޒާނުންގެ ނައިބު ރައީސަކަށް އިންތިހާބުވީ ހަސަން ޝަހީދު (ސަންޗޭޒް)އެވެ. އަދި އަންހެނުންގެ ހަރަކާތުގެ ހަޒާންދާރަކަށް އާމިނަތު ޝިޒްލީން (ޝިޒުމީން) އިންތިހާބުވެފައިވާއިރު، ޒުވާނުންގެ ހަޒާންދާރުގެ މަގާމު ލިބުނީ މުހައްމަދު ރިފާއުއަށެވެ. އަދި އަންހެނުންގެ ސެކެޓްރީކަން އާމިނަތު ނާސިހާއަށް ލިބިފައިވާއިރު، ޒުވާނުންގެ ސެކެޓްރީއަކީ އިސްމާއިލް އަޒްމީއެވެ.
މީގެ އިތުރުން ޕީއެންސީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރާ ފަރާތެވެ. އަދި ނައިބު ރައީސްގެ މަގާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަ ބޭފުޅަކަށް އިންތިހާބަކާނުލާ ލިބޭނެއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުއަށް ޕާޓީގެ ރައީސްކަން ލިބިވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފްއަށް ނައިބު ރައީސްގެ މަގާމު އިންތިހާބަކާނުލައި ލިބިވަޑައިގަންނަވާނެއެވެ.
ޕީއެންސީގެ ކޮންގްރެސްގެ މަތީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް