ޚަބަރު

ވޭމަންޑޫ މަގުހެދުމުގެ މަޝްރޫއު އާރުޑީސީން ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ވޭމަންޑޫ މަގުހެދުމުގެ މަޝްރޫއު އާރުޑީސީން ފަށައިފި

ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރައް ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އާރުޑީސީ

ތ. ވޭމަންޑޫގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީން ފަށައިފިއެވެ.

އާރުޑީސީން އިއްޔެ ބުނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވޭމަންޑޫ މަގުހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްރަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެންނެވެ.

މި މަޝްރޫއުގެ ދަށުން ވޭމަންޑޫގެ މައި މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ. އަދި ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީގެ ނިޝާންތައް ޖެހުން އަދި ސައިން ބޯޑު ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް އާރުޑީސީއާ ހަވާލުކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ މަގުތައް ތަރައްގީ ކުރާނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށެވެ.

ވޭމަންޑޫއަކީ އަބަދުވެސް ވާރޭ ވެހިއްޖެ ނަމަ ރަށުގެ ހުރިހާ ސަރަހައްދެއްގައި ހެން ފެންބޮޑުވާ ރަށެކެވެ. އެހެންކަމުން މި ‏‏މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ވޭމަންޑޫ ރައްޔިތުންނަށް ބޭނުން ކުރަން ލިބޭނެ‏‏އެވެ.‏

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް