ޕެރޯލް ބޯޑުން ނިންމި ނިންމުން ބާތިލުކޮށް، އަބުޗާ އަލުން އަނބުރާާ ޖަލަށް ގެންގޮސްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އައްޑޫ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ އަބުޗާ
އައްޑޫ އަށް މަަސްތުވާތަކެތި އެތެރެކޮށް، އެކަމުގެ ވިޔަފާރި އެންމެ ގަދައަށް ކުރަމުން އަންނަ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވާ ޢަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ނިންމި ނިންމުން ބާތިލުކޮށް، އޭނާ އަލުން އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އެކަން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އަބުޗާ އަށް ޕެރޯލްގެ ފުރުސަތު ދިނުމުގައި ޖަލުގައި އޭނާ ހޭދަކުރި މުއްދަތު ގުނާފަައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފު ނިންމުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަބުޗާ އަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ފަހު އޭނާ މިނިވަންކުރިއިރު، އޭނާ އަށް އެ ފުރުސަތު ދިނީ ކިހިނެއް ކަމެއް ސާފުވެފައި ނުވެ އެވެ. ޕެރޯލް އަކީ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުށްވެރިޔަކު، އެ ޙުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއްގެ މަތިން ދޫކޮށްލުމެވެ.
އަބުޗާގެ މައްޗަށް ވަނީ 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އޭނާ މިނިވަންކޮށްފައި ވަނިކޮށް، މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ އަބުޗާ އަށް ޕެރޯލްގެ ފުރުސަތު ދިނުމަށް އެ ބޯޑުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެކަމުގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ލިބުމާއެކު، އެކަން ހިނގާފައިވާ ގޮތް ބަލައި ސާފުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އެ ބެލި ބެލުމުގެ ތެރޭގައި، އަބުޗާ އަށް ޕެރޯލްގެ ފުރުސަތު ދީފައި ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ނޫންކަން ޤަބޫލު ކުރެވުނު ކަމަށެވެ. އެހެންވެ، އެ ނިންމުން ބަދަލު ކުރުމަށް އަންގާރަ ދުވަހުގެ ވަގުތެއްގައި އެދުނު ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. އެ ނިންމުން ބަދަލު ކުރުމަށް ފަހު، އަންގާރަ ދުވަހުގެ ހަވީރު 16:48 ގައި އަބުޗާ ވަނީ ޖަލު ޙުކުމް ތަންފީޒު ކުރުމަށް އަނެއްކާ ވެސް ޖަލަށް ގެންގޮސްފައި އެވެ.
މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި އަބުޗާ ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް