ޗެސް އޮލިމްޕިއާޑް 2026: ގްރޭންޑްމާސްޓަރެއް ބަލިކޮށް ޝުއާއު ތާރީހީ މޮޅެއް ހޯދައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ދުނިޔޭގެ ރާޒުވާގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ޗެސް އޮލިމްޕިއާޑްގައި، ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ފިޑޭ މާސްޓާ މުހައްމަދު ޝުއާއު ގްރޭންޑްމާސްޓަރެއްގެ މައްޗަށް ކުރިހޯދައި ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
އުޒްބެކިސްތާނުގައި ކުރިއަށްދާ 46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ޝުއާއު ބަލިކޮށްފައި ވަނީ މޮނާކޯގެ ތަޖުރިބާކާރު ގްރޭންޑްމާސްޓަރު އިގޯ އެފިމޮވް އެވެ. އުމުރުން 66 އަހަރުގެ އިގޯއަކީ ޗެސް ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާ، އަދި 900 އަށްވުރެ ގިނަ މުބާރާތުގައި ވާދަކޮށްފައިވާ ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާގެ ފިޑޭ ރޭޓިން އަކީ 2263 އެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަދި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ޝުއާއު ވަނީ އިގޯއާ ދެކޮޅަށް ކުޅުނު 4 ގޭމުން މޮޅުވެ، 2.5 ޕޮއިންޓް ހޯދާފައެވެ. ޝުއާއު އަކީ 2207 ގެ ފިޑޭ ރޭޓިންއަކާ އެކު ރާއްޖޭގައި އެންމެ މަތީ ރޭޓިންއެއް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.
މި ތާރީހީ މޮޅުގެ ކުރިން، ގްރޭންޑްމާސްޓަރަކާ ދެކޮޅަށް ދިވެހި ކުޅުންތެރިއަކު ހޯދި އެންމެ ރަނގަޅު ނަތީޖާ ވެސް ހޯދާފައި ވަނީ ޝުއާއު އެވެ. އެއީ 2024 ވަނަ އަހަރު ބުދަޕެސްޓްގައި ބޭއްވި ޗެސް އޮލިމްޕިއާޑްގައި ގްރޭންޑްމާސްޓަރަކާ ދެކޮޅަށް ކުޅެ މެޗު އެއްވަރު ކޮށްގެންނެވެ.
ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ތައްޔާރުވި ރާއްޖޭގެ ޓީމުން މި މުބާރާތުގައި 10 ކުޅުންތެރިން ވާދަކުރެ އެވެ. އެގޮތުން ރާއްޖޭން އޯޕަން އިވެންޓްގައި "ޑީ" ކެޓަގަރީގައި ވާދަކުރާ އިރު، އަންހެން ޓީމު ވާދަކުރަނީ "އީ" ކެޓަގަރީގަ އެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 28 އާ ހަމައަށް ކުރިއަށްދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް