ވިލިމާލޭގައި ޑިންގީ ޖެޓީއެއް ތަރައްޤީކޮށް، ގޮނޑދޮަށް ހިމާޔަތް ކުރަނީ
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ވިލިމާލޭގައި ޑިންގީ ތަކަށް ޚާއްސަ ޖެޓީއެއް ތަރައްޤީ ކުރުމާާއި، ގޮނޑު ދޮަށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަަވާލު ކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މިއީ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް އެތައް ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަކަށް ވާނެ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީ އެވެ. މި ރަސްމިއްޔާތުގައި ވިލިމާލޭ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ތަފްސީލު ތަކަށް ބަލާއިރު، ވިލިމާލޭގެ ޑިންގީ ޖެޓީ ތަަރައްޤީ ކުރުމަށް 3،698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުން ހިމެނެ އެވެ. މީގެ އިތުރުން ތިން މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 74 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވެސް ހަމަޖެހިފައިވެ އެވެ. އަނެއްކޮޅުން މި މަޝްރޫއުގެ ދަށުން 24 މީޓަރުގެ ބޭރު ތޮށްޓެއް ލުމުގެ އިތުރުން، 74 މީޓަރު ދިގު ބްރިޖެއް ވެސް ޤާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ ގާތް ގަނޑަކަށް 14.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީ އިން ދެން އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ ވިލިމާލޭގެ ގޮނޑު ދޮަށް ހިމާޔާތް ކުރުމަށެވެ. މި މަޝްރޫއުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމަށް ހަަމަޖެހިފައިވާއިރު، 150 މީޓަރުގެ ރިވެޓްމަންޓު ޖެހުން އަދި 181 މީޓަރުގެ ބޭރު ތޮށްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ. މި މަސައްކަތް ނިންމަން 180 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއީ 45.66 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް