Article Top
ކުޅިވަރު •

ލަންކާ ކޭމްޕް ނިންމާލުމަށްފަހު ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ލަންކާ ކޭމްޕް ނިންމާލުމަށްފަހު ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް

ކްރިކެޓް ޓީމު ލަންކާ ފަރިތަކުރުންތަކުގައި -- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އަންނަ ބުރާސްފަތި ދުވަހު މެލޭޝިއާގައި ފެށުމަށް ހަމަޖެހިފައިވާ އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއަން ސަބް ރީޖަނަލް ކޮލިފައިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ސްރީ ލަންކާގައި ކުރިއަށްގެންދިޔަ ނުވަ ދުވަހުގެ ތަމްރީނު ކޭމްޕް ނިންމާލުމަށްފަހު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މެލޭޝިއާއަށް ފުރުމަށް ތައްޔާރުވެއްޖެ އެވެ.

މުބާރާތުގެ ކުރިން ނެޗުރަލް ޓާފަށް ހޭނުމަށާއި މެޗު ފިޓްނަސް އިތުރުކުރުމުގެ ގޮތުން ލަންކާގެ ގޯލް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ގައުމީ ޓީމުން ވަނީ ވަރުގަދަ ދެ އެކުވެރިކަމުގެ މެޗު ކުޅެފަ އެވެ.

Advertisement
Article Inside

ލަންކާ ކޭމްޕުގެ މެޗުތަކުގެ ނަތީޖާ:

  • ފުރަތަމަ މެޗު: ލަންކާގެ އެސްއެލްސީ އެމާޖިންގް ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފަ އެވެ. އެ މެޗުގައި އެސްއެލްސީ އެމާޖިންގް ޓީމުން 5 ވިކެޓަށް 231 ލަނޑު ހެދިއިރު، ރާއްޖެއަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 71 ލަނޑެވެ.

  • ދެވަނަ މެޗު: ދެވަނަ މެޗުގައި ގައުމީ ޓީމުން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ޖުމްލަ 190 ލަނޑުގެ ޓާގެޓެއް ހާސިލް ކުރަން އޮއްވައި، 16 ވަނަ އޯވަރުގައި 121 ލަނޑަށް 5 ވިކެޓު ގެއްލި މެޗުން ބަލިވާންދަނިކޮށް، ކެޕްޓަން ހަސަން ހާޒިގު ރަޝީދާއި އާދަމް ނާސިފް ވަނީ ނުބައިނުވެ 61 ލަނޑުގެ ޕާޓްނާޝިޕެއް ގާއިމުކޮށްފަ އެވެ. އާދަމް ނާސިފް ވަނީ އެންމެ 17 ބޯޅައިން ނުބައިނުވެ 48 ލަނޑު އެއްކޮށްފަ އެވެ. ރާއްޖެއަށް 20 އޯވަރު ނިމުނުއިރު 5 ވިކެޓަށް 182 ލަނޑު ހެދުނުއިރު، މެޗުން ބަލިވީ އެންމެ 7 ލަނޑުގެ ތަފާތުންނެވެ.

މި ދެ މެޗުގައިވެސް ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ޝެރާޒް އިގްބާލް ދެ މެޗުގައި 28 އަދި 31 ލަނޑު ހެދިއިރު، އިސްމާއިލް އަލީ ވަނީ 12 ބޯޅައިން 24 ލަނޑު އަދި ޔޫސުފް އަޒްޔާން 25 ލަނޑު ހަދައިފަ އެވެ. މީގެއިތުރުން ދެވަނަ މެޗުގައި ހަރްޝާ އަމަރަސިންގޭ އުކި ދެ އޯވަރުގައި ދީފައިވަނީ އެންމެ 6 ލަނޑެވެ.

އަފްގާނިސްތާންގެ ކޯޗު އަސަދުﷲ ހާން (އަސަދު) ގެ ބެލުމުގެ ދަށުން ނުކުންނަ ގައުމީ ސްކޮޑުގެ ކެޕްޓަނަކީ ހަސަން ހާޒިގު ރަޝީދެވެ. އަދި ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާން އެވެ. ޓީމުގައި ދެން ހިމެނެނީ މުހައްމަދު ރިޝްވާން، އިސްމާއިލް ނަޒްވާން، ހަރްޝާ އަމަރަސިންގޭ، އިގްބާލް ޝެރާޒް، އާދަމް ނާސިފް، އަހުމަދު އަމީލް، އިސްމާއިލް އަލީ، މަބްސަރު އަބްދުﷲ، އިބްރާހިމް ރިޒާން، އަޝަން ޔާޕާ، ތަރުޝާ ކަވިންދާ އަދި ޝަފްރާޒް ޖަލީލްއެވެ.

މޯލްޑިވްސް ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗަކީ މުހައްމަދު ޖާވިދު އެވެ. ފިޒިއޯގެ ގޮތުގައި ދަނުޝްކާ ސްރިމަލް ހިމެނޭ އިރު ޓީމު މެނޭޖަރަކީ އާރިފް ރިޒާ އެވެ.

އޮކްޓޫބަރު 6 އިން 15 އަށް މެލޭޝިއާގައި ކުރިއަށްދާ މި ކޮލިފައިން މުބާރާތުގެ ގްރޫޕް ބީ އިން ރާއްޖެއާ އެކު ވާދަކުރަނީ ޗައިނާ، ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އަދި ސައުދީ އަރަބިއްޔާ އެވެ.

ރާއްޖޭގެ މެޗުތައް:

  • 8 އޮކްޓޫބަރު: ދިވެހިރާއްޖެ - ޗައިނާ

  • 9 އޮކްޓޫބަރު: ދިވެހިރާއްޖެ - ސިންގަޕޫރު

  • 11 އޮކްޓޫބަރު: ދިވެހިރާއްޖެ - މެލޭޝިއާ

  • 12 އޮކްޓޫބަރު: ދިވެހިރާއްޖެ - ހޮންގް ކޮންގް

  • 14 އޮކްޓޫބަރު: ދިވެހިރާއްޖެ - ސައުދީ އަރަބިއްޔާ

މުބާރާތުގެ ރީޖަނަލް ފައިނަލްސްގެ ޖާގަ ކަށަވަރުވާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރިހޯދާ ދެ ޓީމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް