ޚަބަރު

އީގަލް ހިލްސް: ތަޖުރިބާއަށް ސުވާލެއް ނެތް، އަރަބި އިމާރާތުގައި ބިޔަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް

އަލީ އީމާން

ލިޔުންތެރިޔާ

އީގަލް ހިލްސް: ތަޖުރިބާއަށް ސުވާލެއް ނެތް، އަރަބި އިމާރާތުގައި ބިޔަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެއް

އީގަލް ހިލްސްއިން ރާއްޖެގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް

ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ ރަސްމާލޭގެ ވޯޓާފްރޮންޓް މަޝްރޫއު ހިންގުމާއި ހަވާލުވި އީގަލް ހިލްސްއަކީ ތަޖުރިބާއަށް ސުވާލެއް ނެތް، އަރަބި އިމާރާތުގައި ބިޔަ މަޝްރޫއުތަކެއް ހިންގާ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެކެވެ.

ޔޫއޭއީގެ "ދަ ނެޝަނަލް ނިއުސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމާރު ޕްރޮޕަޓީޒްގެ ފައުންޑަރު މުހައްމަދު އަލައްބާރު އިސްވެހުރެ 2014 ވަަނަ އަހަރު ފަށައިގަން އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެތައް ގައުމުތަކުގައި މިވަގުތުވެސް އެތައް މަޝްއޫރުތަކެއް ކުރިއަށްގެންދާ ކުންފުންޏެއް ކަމަށެވެ.

މިގޮތުން ޔޫއޭއީގައި އެކަނިވެސް މި ކުންފުނިން 1.2 ބިލިއަން ޑޮލަރުގެ ވޯޓާފްރޮންޓް މަޝްރޫއެއް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމި ބައެއް މީހުންނަށް އެ މީހުންގެ ގެތަކާއި އެޕާޓުމެންޓުތައް ވަނީ ހަވާލުކޮށްފަ އެވެ. އަދި މި ހިނގަމުންދާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު މީހުންނަށް ދިރިއުޅޭނެ ގެތައް ހަވާލުކުރެވޭނެ ކަަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ޔޫއޭއީގެ އިތުރަށް އަލްބޭނިއާގައިވެސް އީގަލް ހިލްސްގެ 2.5 ބިލިއަން ޑޮލަރުގެ ޔޮޓް މެރީނާގެ މަޝްރޫއުތަކެއްވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް 2030 ގެ ކުރިން ނިމިގެންދާނެ ކަމަށް އީގަލް ހިލްސްއިން ވަނީ ބުނެފަ އެވެ. މި މަޝްރޫއުގެ ތެރެއިން ޔޮޓް މެރީނާއެއްގެ އިތުރަށް ރެސިޑެންޝަލް އެޕާޓްމެންޓުތަކާއި، ހޮޓަލްތަކުގެ މަސައްކަތްތައްވެސް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން ހިންގާ އެންމެ ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ ސާބިއާގައެވެ. އެ ގައުމުގެ ވެރިރަށް ބެލްގްރޭޑްގައި ކުރިއަށް ގެންދާ "ބެލްގްރޭޑް ވޯޓާފްރަންޓް" އަކީ އެ ކުންފުނިން ހިންގާ ބިޔަ މަޝްރޫއެކެވެ. އެ ސިޓީގެ ކޯރު އައްސޭރީގެ 330 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ އެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ. އެ މަޝްރޫއު 2015 ވަނަ އަހަރު ފެށިއިރު ގިނަ ފިޔަވަހި ތަކެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ މަޝްރޫއުގެ ދަށުން ސިޓީގެ އައްސޭރިފަށް ވަނީ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ހޮޓާތަކާއި، ފިހާރަތައް ހިމެނޭ އާބަން ސަރަހައްދަކަށް ބަދަލުކޮށްފައެވެ. އެ މަޝްރޫއު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރާއިރު، އެ މަޝްރޫއު އެއްކޮށް ނިމޭނެކަމަށް ލަފާކުރެވެނީ 2045 ވަނަ އަހަރުކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ރަސްމާލޭގައި ވޯޓާ ފްރޮންޓް އަދި މެރީނާގެ މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސްއާ އެކު ދިވެހިރާއްޖެއިން ވަނީ އެެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 20 ބިލައަން ޑޮލަރު ޚަރަދުވާ މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލައަަނަށްވުރެ ގިނަ ވާނެކަމަށް ވަނީ ލަފާކޮށްފަ އެެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

Uploaded image

އީގަލް ހިލްސްއާ އަރަބި އިމާރާތުގެ އިންގިލާބީ ބަދަލު

އީގްލް ހިލްސްއިން ރާއްޖޭގައި އިންވެސްޓުރާކަން އިއުލާނުކުރުމާއެކު ދުނިޔޭގެ ފަލަ ސުރުހީތަކަށް އެ ހަބަރު އެރީ ހަމައެކަނި އެ ކުންފުނީގެ ހައިބަތު ބޮޑުވެގެންނޫނެވެ. އެ ކުންފުނީގެ ފައުންޑާ މުޙައްމަދު އަލާއްބާރު ރާއްޖޭގައި އިންވެސްޓު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ އެ މަޝްރޫއު ސަމާލުކަމަށް އައި ސަބަބެކެވެ.

އަލައްބާރަކީ އަރަބި އިމާރާތުގައި ގިނަ ކުންފުނިތަކެއް ގެންގުޅޭ އެ ގެންގުޅޭ އަރަބި އިމާރާތުގައި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމަނޭ އެއް ވިޔަފާރި ވެރިއާއެވެ.

އޭނާގެ އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ ކުންފުންޏަކީ އެމާރު ޕްރޮޕަޓީސްއެވެ. އެމާރް ޕްރޮޕަޓީސް އޭ ބުނުމުން ސިއްސައިގެން ނުދާނެ މީހަކު ވަރަށް މަދުވާނެއެވެ. އެ ކުންފުންޏަކީ އަރަބި އިމާރާތް މިދެކޭ ތަރައްގީގެ ކުލަވަރުގައި ހިއްސާވާ ކުންފުންޏެކެވެ.

އޭނާގެ އެކި ކުންފުނިތަކުން އަރަބި އިމާރާތަށް އެކަނި ވެސް 100 ބިލިއަން ޑޮލަރަށް ވުރެ ގިނައިން މަޝްރޫއުތަކަށް އިންވެސްޓްކޮށްފައިވެއެވެ.

އެގޮތުން ދުނިޔޭގައި މިހާރު ހުރި އެންމެ މަޝްހޫރު އެއް ޓަވަރުކަމަށްވާ ބުރުރުޖު ހަލީފާއަކީ އެމާރު ޕްރޮޕަޓީސްއިން އިމާރާތްކޮށްފައިވާ ޓަވަރެކެވެ. 2004 ވަނަ އަހަރު އިމާރާތްކުރަންފެށި އެ ޓަވަރުގެ މަަސައްކަތް ނިމިފައިވަނީ 2010 ވަނަ އަހަރުއެވެ. މިހާރު އަރަބި އިމާރާތަށް އެ ޓަވަރު ބަލައިލުމަށް އަހަރު ގިނަ ފަތުރުވެރިންތަކެއް އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

މީގެ އިތުރުން އެ ކުންފުނީގެ އެންމެ ބިޔަ އިންވެސްޓްމެންޓުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ދުބާއީގެ 4.5 މިލިއަން އަކަ މީޓަރުގައި ތަަރައްގީކުރާ ލަގްޒަރީ އާބަން ސެންޓަރުގެ އިންވެސްޓްމެންޓް އަގަކީ ގާތްގަނޑަކަށް 55 ބިލިއަން ޑޮލަރެވެ. މިއަހަރުގެ ޖޫން މަހުގައި މަސައްކަތް ފެށި އެ މަޝްރޫއު ނިމޭއިރު ޒަމާނީ އާކިޓެކްޗާ ފެންނާނެ ބިނާތަކާއި، ލަގްޒަރީ ގަތަަށް އެތަނުގައި ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. އެ މަޝްރޫއު ނިމޭއިރު ޒަރޫރީ ހުރިހާ ބޭނުމެއް ފުދޭނެ ސުކޫލުތަކާއި ހޮސްޕިޓަލުތަކާއި، ކުޅިވަރު ދަނޑުތަކުގެ އިތުރުން އެހެނިހެން ތަންތަން އެތުރޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް