ޚަބަރު

މާލެ އޭރިއާގައި މަސައްކަތްކުރާ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މާލެ އޭރިއާގައި މަސައްކަތްކުރާ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލެ އޭރިއާގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން 166 ފުލުހަކަށް މަޤާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި އާދީއްތަ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވި އެވެ.

މަޤާމުގެ ކުރިއެރުން ލިބުނު ފުލުހުންގެ ތެރޭގައި ހިމެނެނީ ސީނިއަރ ސަރޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސަރޖަންޓް ރޭންކުން ސީނިއަރ ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުހުން އަދި ކޮންސްޓަބަލް ރޭންކުން ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ.

މަޤާމުގެ ކުރިއެރުން ލިބުނު ފުލުހުންނާ މުޚާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރޭންކެއް ބަދަލުވެގެން ދިއުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލު ކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ފުލުހުންގެ އަޚުލާޤީ މިންގަނޑު ތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އަޚުލާޤަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ޤާނޫނު ތަންފީޒުކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް