ކުޅިވަރު

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް: ޖޫނިއާ ގައުމީ ޗެމްޕިއަނުން ހޮވަން ނިންމައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް: ޖޫނިއާ ގައުމީ ޗެމްޕިއަނުން ހޮވަން ނިންމައިފި

މި އަހަރު ބޭއްވި ރާއްޖެ ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ތެރެއިން. -- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުން ފެށިގެން، ޖޫނިއާ އުމުރުފުރާތަކުން ވެސް "ގައުމީ ޗެމްޕިއަން" ގެ ޝަރަފު ކުޅުންތެރިންނަށް ދޭން ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން ނިންމައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ޖޫނިއާ އުމުރުފުރާތަކުން ޗެމްޕިއަނުން ހޮވަން ނިންމީ، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އަމަލުކުރާ ގޮތަށް، ޖޫނިއާ އުމުރުފުރާތަކުން ގައުމީ ޗެމްޕިއަނުން ހޮވުމަކީ ކުޅުންތެރިންގެ ކެރިއަރަށާއި މުސްތަގުބަލަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވާތީ ކަމަށް އެ އެސޯސިއޭޝަނުން ހާމަ ކުރެއެވެ.

މި އަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އެގޮތުން މުބާރާތުގައި ޖުމްލަ 445 އެންޓްރީސް ވަނީ ހަދައިފަ އެވެ. އޭގެ ތެރޭން ޖޫނިއާ ބައިގައި 226 ކުޅުންތެރިން އަދި ސީނިއާ ދެ ޑިވިޝަންގައި 214 ކުޅުންތެރިން ވާދަކުރެ އެވެ.

މުބާރާތަށް އަލަށް ގެނެވުނު ބަދަލުތަކަށް ބަލައިލާއިރު، ފާއިތުވި 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ މެޗުތައް ހެނދުނު ކުޅޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ފިރިހެން އަށް ޓީމު އަދި އަންހެން ތިން ޓީމު ވާދަކުރާ ކަމަށް ވެސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކުރިން ގައުމީ މުބާރާތާއެކު ބާއްވަމުން އައި އަތޮޅު ލީގު، ވަކި މުބާރާތެއްގެ ގޮތުގައި ގެންދަން ވަނީ ނިންމައިފަ އެވެ. މީގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ގައުމީ މުބާރާތް މި އަހަރު ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ހުކުރު ދުވަހު ފެށި މި މުބާރާތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް