ޚަބަރު

އެންމެ ފުރަތަމަ ޤައުމު އިސްކުރާ ނަމަ، އަޅުގަނޑުމެން ދާނީ ދިވެހީންގެ ރާއްޖެ އަށް: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެންމެ ފުރަތަމަ ޤައުމު އިސްކުރާ ނަމަ، އަޅުގަނޑުމެން ދާނީ ދިވެހީންގެ ރާއްޖެ އަށް: ރައީސް މުޢިއްޒު

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

އަޅުގަނޑުމެން ދިވެހިންނަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ބަޔަކަށް ވެއްޖެ ނަމަ، އަޅުގަނޑުމެން ދާނީ ދިވެހީންގެ ރާއްޖެ އަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ފެށުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސިޔާސީ ޙަޔާތް ބަދަލުވަމުން އަދި ފުރޮޅެމުން އައި އައުމުގައި، ސިޔާސީ ކަންކަމަކީ ވަރަށް ހަޑިކަމެއްގެ ގޮތުގައި ޒުވާނުންނަށް ވިސްނިފައި އޮތް ކަމަށެވެ. ސިޔާސީ ކަންކަމަކީ އެއްވެސް ބަޔަކު ކައިރިވާން ކަމުނުދާ ކަމެއްގެ ގޮތުގައި އޮތްކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެކަން ބަދަލު ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، އެންމެ ފުރަތަމަ ޤައުމު އިސްކުރުން ކަމަށާއ، އެންމެ ފުރަތަމަ ޤައުމު އިސްކުރާ ނަމަ އިތުރަށް ވިސްނަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށާއި، ދިވެހިންނަކީ އެއް ބަހަކުން ވާހަކަ ދައްކައި، އެއް ދީނަކަށް ނިސްބަތްވާ، އެއް ނަސްލެއްގެ، އެއް ތާރީޚެއް އޮތް، އެއް ޘަގާފަތެއް އޮތް، އެއްބައިވަންތަ އެއްބައެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ދިވެހިން އެންމެ ފުރަތަމަ ޤައުމު އިސްކުރާ ކަމަށްވާ ނަމަ، އަޅުގަނޑުމެން ދާނީ ދިވެހީންގެ ރާއްޖެ އަށް ކަމަށާއި، މި ޤައުމުގައި އޮންނާނީ ދިވެހީންގެ ރާއްޖެ ކަަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން ސިޔާސީ މަސައްކަތް ކުރާ ނަމަ، އެއީ ވަރަށް ސާފުތާހިރު މަސައްކަތަކަށް ވާނެ ކަމަށް ވެސް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް