މުޙައްމަދު އަލީ އަކީ ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚުސިއްޔަތެއް: ރައީސް މުޢިއްޒު
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ އަދި ކުރީގެ ޗީފް އޮފް ސްޓާފް ޑޮކްޓަރު މުޙައްމަދު އަލީ
މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޑޮކްޓަރު މުޙައްމަދު އަލީ އަވާހަރަވުމާ ގުޅިގެން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމާއި، އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަޤާމު އަދި ބައެއް މިނިސްޓްރީ ތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، ދިވެހި ދައުލަތަށް 25 އަހަރަަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު އަލީ އަވަހާރަވީ ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މުޙައްމަދު ޢަލީ އަކީ އިޖުތިމާއީ އެކި ކަންކަމުގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި، ތިމާވެށީގެ އެކި ދާއިރާތަކުން މުޖުތަމައަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ.
އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވީ މުޙައްމަދު އަލީ އަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށެވެ. މި ދަނޑިވަޅުގައި މުޙައްމަދު އަލީގެ އާއިލާ އަށާއި، އެކުގައި މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ރައީސް މުޢިއްޒު ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ. އަދި މުޙައްމަދު އަލީ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް