ޚަބަރު

ގައުމު ވިއްކާނުލައި، ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމުން އެތަށް ފައިދާއެއް ވާނެ: މަހުލޫފް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ގައުމު ވިއްކާނުލައި، ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމުން އެތަށް ފައިދާއެއް ވާނެ: މަހުލޫފް

ޕީއެންސީ އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި މަޚްލޫފް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖެ އިން ބައެއް ވިއްކާ ނުލައި، 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިޔުމަކީ ކޮންމެ ދިވެއްސެއްގެ ފުދުންތެރިކަމާއި ޤައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް، ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޚްލޫފް ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އަކީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ދޭން ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ.

މަޚްލޫފް ވިދާޅުވީ، މިފަދަ ތާރީޚީ އަދި ބިޔަ ބޮޑު މަޝްރޫޢުއެއްގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމާއި ރައްޔިތުންނަށް އެތައް ފައިދާއެއް ލިބިގެންދާނެކަން ކަށަވަރުވާ ކަމަށެވެ. އެގޮތުން 20 ބިލިއަން ޑޮލަރާއި، 54،000 އަށް ވުރެ ގިނަ ވަޒީފާ އާއި، ބޯހިޔާވަހިކަމުގެ ފުރުޞަތުތަކާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އެތައް ފައިދާއެއް ލިބިގެންދާނެ ކަމަށް މަޚްލޫފް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވެފައި ވަނީ ޤައުމުގެ ބައެއް ވިއްކާ ނުލާ މިވަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވުމަކީ، މެދުއިރުމަތީގެ މިއަދު ހާލަތަށް ބަލާއިރު، ކޮންމެ ދިވެއްސެއްގެ ފުދުންތެރިކަމާއި ޤައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

ރަސްމާލޭގައި ހިންގާ މި މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ފާހަގަކޮށް އީގަލް ހިލްސް އިން ބުނެފައިވަނީ މި މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޖުމްލަ ޚަރަދުވެގެންދާ ފައިސާ އަކީ އެއްފަހަރާ ޚަރަދުވެގެންދާ އަދަދު ނޫން ކަމަށާއި 20 ބިލައަން ޑޮލަރަކީ މި މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހައިލެވިގެން ޚަރަދުކުރެވޭ އަދަދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމެންޓު ލިބޭނެ ކަަމަށާއި މީގެ ތެރެއިން 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމެންޓް ހިމެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54000 އަށްވުރެެ ގިނަ ވަޒީފާތައްް އުފެދިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް