ޚަބަރު

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބިނާކުރާ އެ މިސްކިތުގެ ބިންގާ އަޅައިފައިވަނީ މިއަދު ހުޅުމާލެ ފޭސް 3 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެ މިސްކިތް ބިނާކުރާ ސައުދި އަރަބިއްޔާގެ އައްރާޖިޙީ ކުންފުނީގެ ސީއީއޯ އިންޖިނިއާ ބަންދަރު ބިން އަބްދުﷲ އަލް އައްރާޖިޙީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒާހިރުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އެ މިސްކިތާއެކު އިސްލާމީ ހަޟާރަތު އަދި ރާއްޖޭގެ އިސްލާމްވި ގޮތް ކިޔައިދޭނެ ހޯލުތަކާއި ކޮޓަރިތައް އެތަނުގައި ހުންނާނެކަމަށެވެ. އަދި އެ ތަން ފަރުމާކުރެވޭނީ ފަތުރުވެރިންނަށް ވެސް ޒިޔާރަތްކުރެވޭނެ ތަނެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ، ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގައި ބައި ނިންމުންކަމަށެވެ. އަދި މިސްކިތާއެކުގައި ވަގުފްގެ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާކަމަށާއި، ނަމަވެސް ގާނޫނީ ބައެއް ކަންކަން ފުރިހަމަ ކަންތައްތަކެއް ހުރުމުން އެކަންކަން ވަކިން ކުރިއަށް ގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ މިސްކިތަށް ކިޔުމަށް ހަމެޖެހިފައިވަނީ، ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރެވެ.

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށާއި މިއީ އީމާންކަމާއި، އިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށްވާނެކަމަށެވެ.

ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަހައްދު ހިމެނޭހެން އިސްލާމީ ތައުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.

މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން ތައުލީމީ، ސަޤާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ.

އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާއީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރަން ވަނީ ހަމަޖެހިފައެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ހާާއްސަ ވިޒިޓާ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް