ނޭޕާލުގައި ފެންބޮޑުވެގެން މަރުވި މީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒު --
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ނޭޕާލަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އާންމު ދިރިއުޅުމަށާއި މުދަލަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެމަނިކުފާނު ނުހަނު ހިތާމަ ކުރައްވާކަން ހާމަ ކުރެއްވިއެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ބޮޑުވަޒީރަށާއި ސަރުކާރަށް އަދި އެގައުމުގެ ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި މި ހާދިސާގައި ފުރާނަގެއްލުނު އާއިލާތަކުގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ހަމްދަރުދީ ފާޅު ކުރައްވާފައެވެ.
މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ އިމަޖެންސީ ޓީމުތަކުގެ މަސައްކަތްތައް ފާހަގަ ކުރައްވައި، ރައީސް ޑރ. މުއިއްޒު ވަނީ އެފަރާތްތަކަށް ތައުރީފު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް