ނަޝީދުގެ އަރިސް އަސްލަމްގެ ތާއީދު ފައިޞަލް އާއި އާޒިމް އަށް
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ކުރީގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްގެ ތާއީދު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އަށް އޮތްކަން ހާމަކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހު ފައިޞަލް ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އަދި ފައިޞަލްގެ ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ހަމަޖައްސަވައިފަ އެވެ. ފައިޞަލް އާއި އާޒިމް ނިކުންނަވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާއެކު އެވެ.
ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަސްލަމް ވިދާޅުވީީ، ފައިޞަލް އާއި އާޒިމް އެންޑޯޒްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަސްލަމް ވިދާޅުވީ އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ފައިޞަލް އާއި އާޒިމް އަކީ ޤައުމަށް އެންމެ ރަނގަޅު ދެ ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ ކަންކަން ކުރިއަށް ގެންދިޔުމަށް އެންމެ އެކަށީގެންވަނީ ވެސް އެ ދެ ބޭފުޅުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު، އޭނާ އަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ނަޝީދުގެ އަރިސް ބޭފުޅެކެވެ. 2022 ވަނަ އަހަރު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަސްލަމް ތާާއީދު ކުރެއްވީ ރައީސް ޞާލިޙު އަށެވެ. އޭރު އަސްލަމް ހުންނެވީ ހައުސިން މިނިސްޓަރުގެ މަޤާމުގައި ކަމަށްވާއިރު، ރައީސް ޞާލިޙުގެ ވެރިކަން ނިމުނު ފަހުން އަސްލަމް ސިޔާސީ ކަންކަމުގައި އެހާ ބޮޑަކަަށް ނޫޅުއްވަ އެވެ.
އެހެން ނަމަެވެސް، އެންމެ ކުރިން ފެށިގެން ވެސް އަސްލަމް އަކީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިފަހަރު ރައީސް ނަޝީދު ތާއީދު ކުރައްވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަށް ކަމަށް އެމަނިކުފާނު އޮތީ ހާމަކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް