ރައީސް މުޢިއްޒު، ޕީޖީ އޮފީހުގެ 2،0 އިފްތިތާހު ކޮށްދެއްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޕީޖީއޯ 2.0 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއި ޕީޖީ އައްބާސް ބައިވެރިވެ ވަޑައިގަންނަވަނީ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިސްތިރާޖީ ޕްރޮގްރާމް، "ޕީޖީއޯ 2.0" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެ.
ޕީޖީއޯ 2.0 ރައީސް މުއިއްޒު އިފްތިތާހު ކޮށްދެއްވާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު ބާސެލޯ ނަސަންދުރާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަޞައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕީޖީ އޮފީހަކީ، އިންސާނީ ޙައްޤުތައް ކޮންމެ މަރުހަލާއެއްގައި ވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒް ކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާ އެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުމެވެ.
މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުން ކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭއައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ. އެގޮތުން، މީގެތެރޭގައި ޤާނޫނީ ލިޔެކިއުންތައް ދިރާސާ ކުރުމާއި، ދައުވާ ފޯމުތަކުގެ ޚުލާޞާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެއެވެ.
މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހި ބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މަޢުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.
އޭއައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީ ނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީ ގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތް މަތީގައިކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފައިއެވެ.
ޕީޖީ އޮފީހުން އިންތިޒާމު ކޮށްގެން އަންގާރަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ޤާނޫނުގެ އުސޫލުތައް އަމަލީ މައިދާނުގައި ބޭނުން ކުރާނެ ގޮތް އޮޅުންފިލުވައިދީ، އިތުބާރުހުރި މަސްދަރެއްގެ ގޮތުގައި އެ އޮފީހުގެ އެކަޑަމީން ތައްޔާރު ކޮށްފައިވާ ފޮތް، "އެވިޑެންސް، އަ ޕްރެކްޓިޝަނަރޒް ގައިޑް" ނެރުން އޮތެވެ. ހަމަމިއާއެކު، އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗް ކުރުން ވެސް މިރަސްމިއްޔާތުގައި އޮތެވެ. މިއާއެކު، ޕީ.ޖީ އޮފީހަކީ ސައްތަ އިންސައްތަ އާރްޓީއައި ކޮމްޕްލަޔަންޓް އިދާރާއަކަށް ވެސް ވަނީ ވެފައެވެ.
\\\
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް