ކުޅިވަރު

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް: ސިންގަލްސް ޗެމްޕިއަންކަން ހައިޝަމް އާއި ނަބާހާ އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތް: ސިންގަލްސް ޗެމްޕިއަންކަން ހައިޝަމް އާއި ނަބާހާ އަށް

ނަބާ އާއި ހައިޝަމް. -- ފޮޓޯ/ ޕީއެސްއެމް

މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހައިޝަމް އިބްރާހިމް އަލީ ހޯދި އިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ހޯދައިފި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ހައިޝަމް ވަނީ 2-1 ސެޓުން ނިބާލް އަހުމަދު ބަލިކޮށްފައެވެ. އޭނާ ސެޓުތައް ގެންދިޔައީ 17-15، 8-15 އަދި 15-12 އިންނެވެ.

މިއީ ހައިޝަމް ގައުމީ މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އޭނާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޒަޔާން ޒަކީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ނިބާލް ވަނީ ސެމީ ފައިނަލްގައި ހަސަން ޒަޔާން މުހައްމަދު ބަލިކޮށްގެންނެވެ.

ހައިޝަމް ވަނީ 2023 ވަނަ އަހަރު އޭނާ ރަނގަޅު ފޯމެއްގައި ހުއްޓައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސްކޮޑަށް ނުނެގުމާ ގުޅިގެން އޭނާ ކުޅުން ހުއްޓާލައިފަ އެވެ. އެއަށް ފަހު އަލުން ބެޑްމިންޓަން ކެރިއަކު ކުުރިއަށް ގެންދަން ނިންމައި އަލުން ކުޅެން ފެށީ މިދިޔަ އަހަރެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާހާ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، އާމިނަތު ނަބީހާ އަބްދުއްރައްޒާގް (ނަބީ) ސީދާ ދެ ސެޓުން، 15-6 އަދި 15-12 އިން ބަލިކޮށްގެންނެވެ. މިއީ ނަބާ ގައުމީ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.

ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ފައިނަލްތައް ވަނީ މިދިޔަ ހޯމަ ދުވަހު ކުޅެފަ އެވެ. ޑަބަލްސް އިވެންޓްތަކުގެ ނަތީޖާތަކަށް ބަލާއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ޒަޔާން ޒަކީ އާއި ނިބާލް ހޯދީ 15-7 އަދި 15-7 އިން ހައިޝަމް އާއި މުހައްމަދު ޚަލަފްގެ ޕެއާ ބަލިކޮށްގެންނެވެ.

އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ނަބާ އާއި ނަބީ ހޯދާފައި ވަނީ 15-4 އަދި 15-5 އިން މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް