ޚަބަރު

ރައީސް، ސައުދީ ފަންޑުގެ ސީއީއޯއާ ބައްދަލުކުރައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރައީސް، ސައުދީ ފަންޑުގެ ސީއީއޯއާ ބައްދަލުކުރައްވައިފި

ސައުދީ ފަންޑުގެ ސީއީއޯއާ ރައީސް ޑރ، މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން ----

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސްގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުންނާއި، ސައުދީ އަރަބިއްޔާގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ރައީސް ވަނީ އިހުލާޞްތެރިކަމާއި އެކު ޝުކުރު އަދާކުރައްވާފައެވެ.

ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ދޭ ހާއްސަ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ އެހީގައި ހިންގާފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިމަގުގައި ވެސް މި އެއްބާރުލުން އިތުރަށް ފުޅާކުރެއްވުމުގެ އަޒުމު އައު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް