ކުޅިވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި އަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި އަށް

މަތިވެރި ޓީމު، އަތޮޅު ޗެމްޕިއަން ޓްރޮފީ އުފުލާލަނީ -- ފޮޓޯ/ ބިލް ގްރަފީ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ގައި އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި އެވެ.

މަތިވެރި ޗެމްޕިއަންކަން ހޯދާފައި ވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-0 އިން ބޮޑުފޮޅުދޫ ބަލި ކޮށްގެންނެވެ.

ކޯޗު އަހުމަދު ތާހާގެ އިރުޝާދުގެ ދަށުން ކުޅުނު މަތިވެރީގެ ހަމައެކަނި ގޯލު މެޗުގެ ވަރަށް ކުރީކޮޅު ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އެ ޓީމުގެ ޒުވާން ތަރި އަލީ އަލްސަން އެވެ.

އަތޮޅު ޗެމްޕިއަންޝިޕްގައި އއ. އަތޮޅުން ބައިވެރިވީ ބޮޑުފޮޅުދޫ އާއި މަތިވެރި އެވެ. ކޮންމެ އަތޮޅަކުން ވެސް ގަދަ ދެ ޓީމަށް ޒޯން ބުރުގެ ޖާގަ ލިބޭ އިރު، ބޮޑުފޮޅުދޫ އާއި މަތިވެރި އަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ.

އއ. އަތޮޅާ އެކު މިހާތަނަށް ހަތް އަތޮޅެއްގެ ޗެމްޕިއަންޝިޕް ވަނީ ނިމިފަ އެވެ. މި މަހުގެ ހަވަނަ ދުވަހު އަތޮޅު ޗެމްޕިއަންޝިޕް ފެށީ ހަ ރަށެއް ވާދަ ކުރި ބ. އަތޮޅުންނެވެ.

ބ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން އޭދަފުށި - ރަނަރަޕް ތުޅާދޫ

ޅ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން ހިންނަވަރު - ރަނަރަޕް ނައިފަރު

ރ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން ދުވާފަރު - ރަނަރަޕް އިނގުރައިދޫ

ނ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން މަގޫދޫ - ރަނަރަޕް މަނަދޫ

ހދ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން ހަނިމާދޫ - ރަނަރަޕް ނައިވާދޫ

ހއ. އަތޮޅު (ނޯތު ރީޖަން): ޗެމްޕިއަން އިހަވަންދޫ - ރަނަރަޕް ފިއްލަދޫ

އއ. އަތޮޅު (ސެންޓްރަލް ރީޖަން): ޗެމްޕިއަން މަތިވެރި - ރަނަރަޕް ބޮޑުފޮޅުދޫ

އެފްއޭއެމުން ވަނީ ކްލަބް މޯލްޑިވްސް ކަޕާއި އެއިޓީން ތާޓީ އަކީ ރާއްޖޭގެ ގައުމީ މުބާރާތް ގޮތުގައި ކަނޑައަޅައިފަ އެވެ. އަދި ކްލަބް މޯލްޑިވްސްއާ ގުޅިގެން ވަނީ މުޅި ރާއްޖެ ހިމެނޭހެން، ފުޓްބޯޅައިގެ އާ ލީގު ސިސްޓަމާ އެއް އުސޫލެއްގެ ދަށުން މޯލްޑިވްސް ފުޓްސަލް ލީގު ތައާރަފް ކޮށްފަ އެވެ. 

އަތޮޅު ޗެމްޕިއަންޝިޕްގައި ޖުމްލަ 59 ރަށަކުން ބައިވެރި ވެފައި ވާއިރު، ކެންމެ އަތޮޅަކުން ވެސް އެންމެ ގަދަ ދެ ޓީމު، ޒޯން ބުރަށް ކޮލިފައި ވާނެ އެވެ. އަދި ޒޯން ބުރުގެ ގަދަ ދެ ޓީމު ކޮލިފައި ވާނީ ރީޖަން ލީގަށެވެ. އެއަށް ފަހު ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ކޮލިފައި ވާނީ މޯލްޑިވްސް ފުޓްސަލް ލީގަށެވެ.

އަތޮޅު ފުޓްސަލްގެ ފޯމެޓް އެކުލަވާލެވިފައި ވަނީ މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންނެވެ. ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ރީޖަން އަށް ބަހާލާފައި ވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަންއެކެވެ.

ނޯތު ރީޖަންގެ ށ އަތޮޅުގެ އިތުރުން ސެންޓްރަލް ރީޖަންގެ ވ އަތޮޅާއި ސައުތު ރީޖަން އިން ޏ އަދި ސ އަތޮޅުން ވެސް އަތޮޅު ބުރުގައި ބައިވެރިވީ އެއް ޓީމެވެ. މިއާ ގުޅިގެން އެ ހަތަރު ރަށް ވެސް ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައި ވެފަ އެވެ.

ހަމަ އެގޮތުން މާލޭ ރީޖަން އިން ވެސް މުބާރާތުގައި ބައިވެރިވީ އެންމެ ޓީމެކެވެ. މިއާ ގުޅިގެން މާލޭ ރީޖަން އިން ވާދަ ކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީން ވެފަ އެވެ.

އެންމެ ފުރަތަމަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށް ދާނީ 12 ޓީމާ އެކު އެވެ. ހަތަރު ރީޖަންގެ އެއްވަނަ ޓީމުގެ އިތުރުން ދެން ހިމެނޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް