ސިންގަޕޫރުން 33 ލަނޑުން ރާއްޖެ ބަލިކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ކުރިއަށްދާ އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފައިއާ ބީ މުބާރާތުގައި ސިންގަޕޫރު އަތުން ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު 33 ލަނޑުން ބަލިވެއްޖެ އެވެ.
މި މެޗުގެ ގުރު ދިމާވުމުން ސިންގަޕޫރުން ގަސްތުކުރީ ފުރަތަމަ ބެޓް ކުރާށެވެ. ސިންގަޕޫރު 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 188 ލަނޑު ހެދިއެވެ. އެ ޓީމުގެ ސުރެންދުރަން ޗަންދުރަމޯހަން 105 ލަނޑު ހެދި އިރު މަންޕްރީތު ސިންގް ވަނީ 50 ލަނޑު ހަމަކޮށްފަ އެވެ.
ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި އިގްބާލް ޝީރާޒް އާއި 37 ލަނޑު ހެދި އިސްމާއީލް އަލީ އެވެ.
މިއީ މި ދެ ގައުމުގެ މެދުގައި ކުޅެވުނު ފަސްވަނަ ޓީ20 މެޗެވެ. މީގެ ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން ރާއްޖެ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ 2013 ވަނަ އަހަރު ނޭޕާލްގެ ލަލިތުޕޫރުގައި ކުޅުނު މެޗުން 5 ވިކެޓުންނެވެ. ބާކީ 4 މެޗުން ސިންގަޕޫރު ވަނީ ރަންގެ ތަފާތުން މޮޅުވެފައެވެ. އެގޮތުން 2015 ގައި 68 ލަނޑުން، 2024 ގެ ފެބްރުއަރީގައި 41 ލަނޑުން އަދި އެ އަހަރުގެ އޮގަސްޓުގައި ބަލިވީ 47 ލަނޑުންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އިރު، ނަތީޖާގެ ފަރަގު ވެސް މި ވަނީ ކުޑަ ކޮށްފަ އެވެ.
މުބާރާތުގައި ހޮންގް ކޮންގް، ސައުދީ އަރަބިއްޔާ، މެލޭޝިއާ، ސިންގަޕޫރު އަދި ރާއްޖެ ވާދަކުރާއިރު، ޗައިނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ 10 ވިކެޓުން މޮޅު ވެފަ އެވެ. އަދި ރާއްޖެ މިވަގުތު އޮތީ ގުރޫޕް ތާވަލްގެ ތިންވަނައިގަ އެވެ.
ރާއްޖެ ދެން ކުޅޭނީ އަންނަ އާދިއްތަ ދުވަހު މެލޭޝިއާއާ ދެކޮޅަށެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހޮންގް ކޮންގާއި ސައުދީ އަރަބިއްޔާ އަތުން ބަލިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް