ޚަބަރު

ޕީއެންސީގެ ފިކުރަކީ އެމްޑީޕީ ފަދައިން އެކަކު ވަށައިގެން އެނބުރޭ ފިކުރެއް ނޫން: މުންދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕީއެންސީގެ ފިކުރަކީ އެމްޑީޕީ ފަދައިން އެކަކު ވަށައިގެން އެނބުރޭ ފިކުރެއް ނޫން: މުންދު

ޕީއެންސީގެ ކޮންގްރެސް އަށް ވަމުން އަންނަ ތައްޔާރީ ތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މުންދު ވަނީ އެ ޕާޓީއަކީ ފުރުސަތުތައް ހުޅުވިފައިވާ ޕާޓީއެއްކަމަށާއި، އަދި ޒުވާނުންނަށް ޕާޓީގެ އިސް މަގާމުތަކަށް ދިއުމަށް ފަހި ޕާޓީއެއްކަމަށް

ޕީއެންސީގެ ފިކުރަކީ އެމްޑީޕީ ފަދައިން އެކަކު ވަށައިގެން އެނބުރޭ ފިކުރެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް އަށް ވަމުން އަންނަ ތައްޔާރީ ތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މުންދު ވަނީ އެ ޕާޓީއަކީ ފުރުސަތުތައް ހުޅުވިފައިވާ ޕާޓީއެއްކަމަށާއި، އަދި ޒުވާނުންނަށް ޕާޓީގެ އިސް މަގާމުތަކަށް ދިއުމަށް ފަހި ޕާޓީއެއްކަމަށް ވިދާޅުވެފައެވެ.

އެ މައުޟޫގައި ވާހަކަދައްކަވަމުން މުންދު ވަނީ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި، މިހާރު ވެރިކަން ކުރަމުން އަންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފިކުރުގެ ތަފާތު ވިދާޅުވެ ދެއްވާފައިއެވެ.

މުންދު ވިދާޅުވީ، އެމްޑީޕީ އަކީ އެންމެ މީހެއް ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށެވެ. އެމްޑީޕީ އުފެއްދިއިރު ވެސް ހުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުވަތަ އަންނި ކަމަށާއި، އެތައް އަހަރު ތަކެއް ފަހުން ވެސް ހުރީ އެ ބޭފުޅާ ކަމަށެވެ. އަދި އެ ޕާޓީގެ އެންމެ އިސް މަގާމުތަކުގައި އަދި ވެސް ތިބީ ހަމަ އެއިރު އެމްޑީޕީ އުފެއްދިއިރު ތިބި ބޭބޭފުޅުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ޕީއެންސީއަކީ އައު ޕާޓީއެއް ނަމަވަސް އެ ޕާޓީއަކީ އައު ފިކުރެއް ނޫންކަމަށެވެ. ޑީއާރުޕީއިން ފެށިގެން ޕީޕީއަމްއަށް ފުރޮޅި މިއަދު ޕީއެންސީއަށް ވާރުތަވެފައިވަނީ ހަމަ އެ ފިކުރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޑީއާރުޕީގެ އިސްކޮށް ކުރީގެ ރައީސް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފިކުރަށް ފަހު، ދެން އަނެއްކާ ވެސް ޒުވާން ފިކުރަކަށް ބަދަލުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފިކުރެއް އައި ކަމަށެވެ.

ހަމަ އެއާ އެކު، ރައީސް ޔާމީން އަށް ފަހު، އަނެއްކާ ޒުވާން އެހެން ފިކުރެއް އައިސް، މިހާރު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފިކުރަށް އައިސްފައިވާ ކަމަށް މުންދު ފާހަގަ ކުރެއްވި އެވެ. މިއީ އެމްޑީޕީ އާއި ޕީއެންސީގެ ހުރި އެންމެ ބޮޑު ތަފާތު ކަމަށާއި، ޕީއެންސީގައި އޮތީ އައު ވިސްނުމެއް އަދި އައު ފިކުރެއް ކަމަށެވެ.

މީގެ އިތުރުން ޕާޓީގެ ލީޑަޝިޕްގައި ވެސް ގިނަ ޒުވާނުންތަކެއް މިއަދު ތިބިކަމަށާއި، އަނެއްކާވެސް އެ ޕާޓީ ލީޑު ކުރަންތިބި ބަޔަކީ އެ ޒުވާނުންކަމަށް ވެސް މުންދު ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގެ މަގާމުތަކަށް ޒުވާނުން އައުމަށް އެދޭކަމަށާއި، އަންނަ މަހު އޮންނަ ޕާޓީގެ ކޮންގްރެސްގައި ވެސް ގިނަ ޒުވާނުންތަކެއް ކުރިމަތިލުމަށް ނިންމައި އެ ނިންމުން އިއުލާނުކުރަމުންދާތީ އެކަމާ އުފާކުރާކަމަށް މުންދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް