އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ނޮމިނޭޝަންސް ވާދަވެރި؛ އިލާން، އީތަން، މުޒްދާން، އަހޫ، ލޫތު!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އެފްއޭއެމް އެވޯޑްސް 2026 ގައި،، މިދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުގެ ނޮމިނީސް އިއުލާން ކޮށްފި އެވެ.
އެންމެ މޮޅު ޒުވާން ކުލުންތެރިންގެ އެވޯޑަށް ފަސް ކުޅުންތެރިއެއް ނޮމިނޭޓް ކޮށްފައި ވާއިރު، މިއީ ވާދަވެރި ކެޓެގަރީއެއްކަމުގައި ބެލެވެ އެވެ.
މި ކެޓެގަރީން ނޮމިނޭޓް ކޮށްފައިވާ ފަސް ކުޅުންތެރިއަކީ، މާޒިޔާގެ މުހައްމަދު އިލާން އިމްރާން، 17، މިދިޔަ އަހަރު ވެލެންސިއާގެ ކެޕްޓަންގެ ޒިންމާ އަދާކުރި އީތަން އިބްރާހިމް ޒަކީ، 17، އަދި އޮޑި ސްޕޯޓްސް ކްލަބްގެ މުޒްދާން ހަސަން، 20 އާއި އަހުޒަމް ރަޝީދު (އަހޫ)، 19، އަދި އަބްދުﷲ ލޫތު އިބްރާހީމް، 21، އެވެ.
މި ފަސް ކުޅުންތެރިންނަކީ ވެސް ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައި، ކްލަބް ލެވެލްގައި ވެސް ޓީމަށް މުހިއްމު ކުޅުމެއް ދައްކައިދީ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދާފައިވާ ކުޅުންތެރިންނެވެ.
މި ފަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.
މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް