ބޯޓުން ޖެހުނު ނަމަވެސް ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ؛ މިނިސްޓަރު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ބުރިޖުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ --- ފޮޓޯ/ މިހާރު
ރޭ ދެ ތެޔޮބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އަޔާ ސިނަމާލެ ބުރިޖުގެ ތަނބަކަށް އުރުނު ނަމަވެސް ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްް ލިބިފައިނުވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ބޯޓުތައް އުރުމާ ގުޅިގެން ބުރިޖު ބަލަހައްޓާ ކުންފުނި، ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ އެ އިންސްޕެކްޝަންއިން އެނގުނު ގޮތުގައި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ބުރިޖުގެ ކޫރުން ތަކެއް އެޅިފައިހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެ ކަންކަން ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ.
މިފަދަ ހާދިސާއެއް ހިނގުމުގެ ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެގޮތުން އެފަދަ ބޮޑެތި އުޅަނދުފަހަރު ކަފުޖެހޭވަރުގެ ބާރުގަދަ ޓަގު ބޯޓުތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އަށް ގެނައުމުގެ މަސައްކަތް ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކޮށް ހަރަކާތްތެރިވާނެ އިޖުރާއަތްތަކެއް އެކުލަވާލެވޭނެކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް