އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ ޗައިނާއާ ދެކޮޅަށް ވެސް ކުޅެނީ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރާއްޖެ އާއި ޗައިނާ އެންމެ ފަހުން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ފޭސްބުކް
އަންނަ ނޮވެމްބަރު މަހު ބަންގްލާދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ފުޓްބޯޅަ ޓީމު ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ޗައިނާއާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިއް ޖެއެވެ.
މިއާ އެކު ބްރޭކް ތެރޭގައި ރާއްޖޭގެ ގައުމީ ޓީމު އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ އެވެ. މި ތިން ޓީމަކީ ވެސް ފީފާ ރޭންކިންގައި ރާއްޖެއަށް ވުރެ ކުރީގައި އުޅޭ ތިން ޓީމެވެ. މީގެ ތެރެއިން ޗައިނާ ހިމެނެނީ ދުނިޔޭގެ ގަދަ 100 ޓީމުގެ ތެރޭގަ އެވެ. އެ ޓީމު މި ވަގުތު އޮތީ ރޭންކިންގެ 91 ވަނައިގަ އެވެ. ކިރިގިސްތާން 106 ވަނައިގައި އޮތް އިރު ލުބުނާން އޮތީ 115 ވަނައިގަ އެވެ.
ކުރިއަށް އޮތް އެކުވެރިކަމުގެ ތިން މެޗު:
ސެޕްޓެމްބަރު 24: ޗައިނާ (ޗޮންގްކިން ލޯންގްޝިންގް ސްޓޭޑިއަމް، ޗައިނާ - ރާއްޖެ ގަޑިން 16:35)
ސެޕްޓެމްބަރު 28: ކިރިގިސްތާން (ބިޝްކެކް، ކިރިގިސްތާން)
އޮކްޓޯބަރު 1: ލުބުނާން (ބިޝްކެކް، ކިރިގިސްތާން)
މި މެޗުތަކަކީ ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން ކޯޗު އިސްތުވާން އުރުބާނީއަށް ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭނެ މުހިންމު ފުރުސަތެކެވެ.
ރާއްޖެ އާއި ޗައިނާ ވަނީ މިހާތަނަށް ހަ ފަހަރު މަތިން ބައްދަލު ކޮށްފަ އެވެ. މި މެޗުތަކުން އެ ޓީމާ ދެކޮޅަށް ރާއްޖެ ކުޅުންތެރިއަކަށް ގޯލެއް ޖެހިފައި ވަނީ، 2001 ވަނަ އަހަރު، ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގަ އެވެ. ޗައިނާ އިން 10 ލަނޑު ޖެހި އެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާއިލް ނަސީމް (ކޭޑީ) އެވެ.
އެއީ ރާއްޖޭގެ އަވޭ މެޗެވެ. އެ މެޗުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ގަލޮޅު ދަނޑަށް އައިސް ޗައިނާއަށް އެ ފަހަރު މޮޅު ވެވުނީ އެންމެ ގޯލަކުންނެވެ.
ރާއްޖެ އާއި ޗައިނާ މީގެ ކުރިން މުޅިން ވެސް ބައްދަލު ކޮށްފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. މިއީ ދެ ޓީމުގެ މެދުގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.
ރާއްޖެ - ޗައިނާ ބައްދަލުކުރި މެޗުތަކުގެ ލިސްޓް:
22 އެޕްރީލް 2001: ޗައިނާ 10–1 ރާއްޖެ
28 އެޕްރީލް 2001: ރާއްޖެ 0–1 ޗައިނާ
08 ސެޕްޓެމްބަރު 2015: ރާއްޖެ 0–3 ޗައިނާ
24 މާޗު 2016: ޗައިނާ 4–0 ރާއްޖެ
10 ސެޕްޓެމްބަރު 2019: ރާއްޖެ 0–5 ޗައިނާ
11 ޖޫން 2021: ޗައިނާ 5–0 ރާއްޖެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް