ކުޅިވަރު

އިލާން އާއި ޝަފީއު އަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް ކުޅުމާ ދުރަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އިލާން އާއި ޝަފީއު އަނިޔާގެ ސަބަބުން ދުވަސްކޮޅަކަށް ކުޅުމާ ދުރަށް

އިލާން އާއި ޝަފީއު. -- ފޮޓޯ/ މާޒިޔާ، ވިކްޓަރީ

ދިރާގު ދިވެހި ޕްރިމިއާ ލީގު 2026/27 ގެ ފުރަތަމަ ހަފްތާގައި މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މާޒިޔާގެ ޒުވާން ތަރި އިލާންގެ ކަކުލަށް އަނިޔާވީ ލީގުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެނިކޮށް، މެޗުގެ ފުރަތަމަ 10 މިނިޓު ތެރޭގައެވެ. ކޯޗު ތޯމަސް ޓުރުޗާ ބުނި ގޮތުގައި އިލާންގެ އަނިޔާ މާ ސީރިއަސް ނޫން ނަމަވެސް، އެނބުރި އާދެވޭނީ 3-6 ހަފުތާ ފަހުންނެވެ. މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުން ޗައިނާ، ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް އިލާން އަށް ގެއްލޭނެ އެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކްލަބަށް ލީގު ދެވަނަ ހޯދައިދީ، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިނުމަށްފަހު މި ސީޒަނުގައި ވިކްޓަރީއަށް ބަދަލުވި ކީޕަރު ޝަފީއުއަށް އަނިޔާވީ ލީގުގެ ފުރަތަމަ މެޗުގައި ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވޯމްއަޕް ތެރޭގަ އެވެ. ވިކްޓަރީގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ޕްރީމެޗު ޕްރެސްގައި ހާމަކުރި ގޮތުގައި، ސްކޭންތަކުން ދައްކަނީ ޝަފީއުގެ އިނގިއްޔެއް ހެއާލައިން ފްރެކްޗާއެއް ވެފައި ވާކަމަށެވެ. ޝަފީއުގެ ބަދަލުގައި ފުރަތަމަ މެޗުގައި ސްޓާޓް ކުރީ ޒުވާން ކީޕަރު މުހައްމަދު ޔާމީން އެވެ.

މޯހަން ބުނީ ބޭރު ކީޕަރެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށާއި، ޓީމުގައި ތިބި ލޯކަލް ޒުވާން ކީޕަރުންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބުގެ އިބްރާހިމް އުސާމާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ކޯޗު ކްރިސްޓިއަން ރޮޑްރިގޭޒް ބުނީ އޭނާ އަށް އަދި އިތުރަށް ރެސްޓް ބޭނުން ވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް