އެފްއޭއެމްގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނި އޭއެފްސީން މާފު ކޮށްދީފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަންޖެހިފައި އޮތް 253.030 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ރުފިޔާ) އެ އިދާރާއިން މާފުކޮށްދީފިކަން އެފްއޭއެމް އިން މިއަދު އިއުލާނުކޮށްފި އެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި ދަރަންޏަކީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި އެފްއޭއެމްގެ ކުރީގެ ހިންގުންތެރިންގެ އިހުމާލުން އުފެދިފައިވާ ދަރަންޏެއް ކަމަށެވެ. މި ފައިސާ މާފުކޮށްދިނުމަށް ނިންމާފައިވަނީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ދަރަނީގެ ފަސްފަހަތް: ކުރީގެ ވެރިންގެ ކޮރަޕްޝަނާއި ތުހުމަތުތައް
ދިވެހި ފުޓްބޯޅަ އިދާރާ މިފަދަ ބޮޑު މާލީ އަނދަވަޅަކަށް ވެއްޓި، ބޮޑެތި ދަރަނިތަކެއް ބޮލުގައި އެޅުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައެވެ. ބައްސާމްގެ މައްޗަށް ވަނީ ފީފާއިން ކުލަބުތަކަށާއި ފުޓްބޯޅަ ކުރިއެރުވުމަށް ދިން ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުންތަކަށާއި، މާލޭގެ އަގުބޮޑު އެޕާޓްމަންޓްތައް ގަތުމަށް ބޭނުންކޮށް، މަނީ ލޯންޑްރިން އާއި ހިޔާނާތް ހިންގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ.
މި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ކޯޓުތަކުން ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) ގެ އިންޑިޕެންޑެންޓް އެތިކްސް ކޮމިޓީން ވަނީ އޭނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން އުމުރު ދުވަހަށް ސަސްޕެންޑް ކޮށް، އެއް މިލިއަން ސްވިސް ފްރޭންކުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ބައްސާމްގެ ދައުރުގައި ހިންގި ހިޔާނާތްތަކުގެ ސަބަބުން އެފްއޭއެމް އިދާރީ ގޮތުންނާއި މާލީ ގޮތުން މިއަދާ ހަމައަށްވެސް އޮތީ ބޮޑު އަނދަވަޅެއްގެ ތެރޭގަ އެވެ. މިކަން ހައްލުކުރުމަށް ފީފާއިން އިސްވެ، އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި އެވެ.
މި ކޮމިޓީން އެފްއޭއެމްގެ ހިންގާ ގަވާއިދުތައް އިސްލާހުކޮށް، އަލުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި، އެފްއޭއެމްގެ އާ ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ މަޖިލިސް މެންބަރު އަދި ކުރީގެ މަޝްހޫރު ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ. އާ މެނޭޖްމަންޓާއެކު އެފްއޭއެމް އިން އަންނަނީ ބައިނަލްއަގުވާމީ އިދާރާތަކުގެ އިތުބާރު އަލުން ހޯދައި، ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެފްއޭއެމް އިން ބުނިގޮތުގައި، އޭއެފްސީން މި ބޮޑު ދަރަނި މާފުކޮށްދިނުމަކީ ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކޮށް، މާލީގޮތުން ހަމަމަގަށް އަޅުވައި ތަރައްގީކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެފްއޭއެމް އިން ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެ ސަބަބުން އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ މާލީ ބުރަ ވަރަށް ބޮޑަށް ލުއިވެގެންދާނެ އެވެ.
މީގެ އިތުރުން، މި ނިންމުމާއެކު އެފްއޭއެމް އަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް އަލުން ހުޅުވިގެންދާނެ އެވެ. އެގޮތުން 2027 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ފައިނޭޏްޝިއަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމް އަށް އަލުން ލިބިގެންދާނެކަން އެ އިދާރާގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް