ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސޮބާ ހަމަޖައްސައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ސޮބާ ރޭގެ ޓީމް ފަރިތަކުރުންތަކުގައި. -- ފޮޓޯ/ އަދަދު ސްޕޯޓްސް
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް، ކުރީގެ ކުލުންތެރިޔާ ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުގެ ހެޑް ކޯޗު އަދި ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރުބާނީ މިކަން ހާމަކުރީ ކުރިއަށް އޮތް ފީފާ ބްރޭކުގައި ކުޅޭ މެޗުތަކަށް ނެގި ސްކޮޑާއެކު ގަލޮޅު ދަނޑުގައި ފަރިތަކުރުންތައް ފެށުމުގެ ކުރިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އުރުބާނީ ބުނީ ސޮބާ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށާއި، ސޮބާގެ ފަރާތުން ގައުމީ ޓީމުގެ މަސައްކަތްތައް ބޭނުންވާ ގޮތަށް ކުރިއަށްގެންދަން ފަސޭހަވާނޭ ކަމަށް ގަބޫލު ކުރާކަމަށް ވެސް އޭނާ ފާޙަގަ ކުރި އެވެ. އަދި މާޒީގައި ކުރެވުނު ރަނގަޅު މަސައްކަތްތަކުގެ ވާހަކަ ތަކުރާރުކުރުމުގެ ބަދަލުގައި މިހާރު ވިސްނުން ހުރީ މުސްތަގުބަލަށް ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށް އުރުބާނީ ފާހަގަކުރި އެވެ.
ސޮބާއަކީ ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ނިއު ރޭޑިއަންޓަށް ކުޅެމުން 2015 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ސޮބާ ވަނީ ޖެހިގެން އައި އަހަރު ދެވަނަ ޑިވިޝަނުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފަ އެވެ. މީގެ އިތުރުން ވެސް ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކޯޗު ކޮށްދީ، އޭނާ ވަނީ ދެވަނަ ޑިވިޝަނުގައި ނިއު އާއި ވިކްޓަރީ އަށް ވެސް ކޯޗު ކޮށްދީ، ވިކްޓަރީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދީފަ އެވެ.
މީގެ އިތުރުން ސޮބާ ވަނީ ގައުމީ އަންހެން ޓީމާއި، 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން 23 އަހަރުން ދަށުގެ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް ކޮށްފައެވެ.
ކުރިއަށް އޮތް ފީފާ ބްރޭކުގައި ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް މާދަމާ ފުރާނެއެވެ. އެގޮތުން، މި މަހުގެ 24 ވަނަ ދުވަހު ޗައިނާގެ ޗޮންގްޖިންގައި ޗައިނާއާ ދެކޮޅަށް ކުޅުމަށްފަހު، ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ބިޝްކެކް އަށެވެ. މި މަހުގެ 28 ގައި ކިރްގިސްތާނާ ދެކޮޅަށް މެޗެއް ކުޅުމަށް ފަހު، އަންނަ މަހުގެ އެއްވަނަ ދުވަހު ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް