ޚަބަރު

ތިލަމާލެ ބުރިޖު: މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތިލަމާލެ ބުރިޖު: މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި

ތިލަމާލެ ބުރިޖުން މާލެ އަދި ވިލިމާލެ ގުޅާލެވިފައި -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ-ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނީ ވިލިމާލެ އާއި މޭލެ ގުޅުވައިދޭ ފަހު ސެގްމެންޓު މިހާރު ގުޅާލާފައިވާއިރު ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ދެން ކުރިއަށް ދާނީ ބުރިޖު ހުޅުވުމުގު ކުރިން ނިންމަންޖެހޭ މަސައްކަތްތައް ކަމަށާއި އޭގެ ތެރޭގައި ތާރުއެޅުމާއި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް ބުރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ފުރިހިމަވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަމާލެ ބުރިޖު މަސައްކަތަކީ މާލެ ސަރަހައްދުގައި މިވަގުތު ކުރަމުން އަންނަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ.

މި ބިޔަ މަޝްރޫއަށް 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ވާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. މީގެ އިތުރުން މި މަޝްރޫއުއަށް ދިވެހި ސަރުކާރުން ވެސް ހަރަދުކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް