ރާއްޖޭގެ އެންމެ މޮޅު 10 ރާޒުވާ ކުޅުންތެރިން: ޗެސް އޮލިމްޕިއާޑް ޓީމަށް ޖާޒީ ހަވާލުކޮށްފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ޖޯޒީ ހަވާލް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ / ސްޕޯޓްސް މިނިސްޓްރީ
އުޒްބަކިސްތާނުގެ ސަމަރކަންޑުގައި މި މަހު 15-28 އަށް ކުރިއަށް ގެންދާ 46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ރާއްޖެ ތަމްސީލުކުރާ ގައުމީ ރާޒުވާ ޓީމަށް ޖޯޒީ ހަވާލުކޮށްފި އެވެ.
ހެންވޭރު ބޯޅަގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު މުހައްމަދު ވަހީދެވެ.
ރާއްޖޭގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، ގައުމު ތަމްސީލުކުރުމުގައި ރިވެތި އަހުލާގާއި އިސްލާމީ އުސޫލުތައް ހިފެހެއްޓެވުމަށް ސްޓޭޓް މިނިސްޓަރ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ޗެސް އެސޯސިއޭޝަންގެ ހިންގުން ވަގުތީގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ ހަވާލުކޮށްފައިވީ ނަމަވެސް، ކުޅުންތެރިންގެ ކުރިއެރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިނިސްޓްރީއާއި އެމްއޯސީ ގުޅިގެން ފުރިހަމައަށް ކޮށްދޭނެކަމުގެ ޔަގީންކަން ސްޓޭޓް މިނިސްޓަރ ދެއްވިއެވެ.

ގައުމީ ސްކޮޑުގައި ފަސް އަންހެން އަދި ފަސް ފިރިހެން ކުޅުންތެރިން ހިމެނެ އެވެ. އެއީ، މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް، އަހްމަދު އަބޫބަކުރު، ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފް އަދި ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފް.
މުބާރާތުގައި ވާދަ ކުރުމަށް ރާއްޖޭގެ ޓީމު ތަމްރީނު ވަމުން އަންނަނީ ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި ޓީމު މުބާރާތަށް ދާން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.
އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި 1800 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް